ޕޮރޮގްރެސިވް ކޯލިޝަނުން މާލޭގައި ހުކުރު ދުވަހު ކުރި މުޒާހަރާ ފެށުމުގެ ކުރިން ފެށިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ޝިޔާމް ނުރުހުން ފާޅު ކުރައްވައިފިއެވެ.

ޝިޔާމް ވިދާޅުވީ ހުކުރު ދުވަހު މުޒާހަރާ ފަށަން ހަމަޖެހިފައި އޮތީ ހަވީރު 4:00 ގައި ކަމަށެވެ. އެހެންނަމަވެސް 2:00 އިން ފެށިގެން ފުލުހުންވަނީ މުޒާހަރާ ކުރަން ހަމަޖެހިފައިވާ ސަރަހައްދަށް މީހުންނަށް ނުވަދެވޭ ގޮތަށް މުޅި ސަރަހައްދު ބަންދުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާގައި ބައިވެރިވާން މީހަކު އަންނައިރަށް ފުލުހުން އެމީހަކު އެސަރަހައްދަށް ވެސް ނުވައްދާ ފޮނުވާލީ. މުޒަހަރާގެ ބައިވެރިން ތިބޭނި ވަކިކުލައެއްގެ ހެދުމުގައި ކަމުން ފުލުހުންނަށް އެނގޭނެ މުޒާހަރާއަށް އަންނަ މީހުން. ފުލުހުން މިއަދު އަމަލުކޮށްފައިވަނީ ވަރަށް ހުތުރުކޮށް. އެ ޢަމަލަކީ ފެނިގެންދިޔަ ވަރަށް ހުތުރު މަންޒަރެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަގުމައްޗަށް ނިކުންނަނީ ވެރިކަން ވައްޓާލަން ނޫންކަމަށެވެ. މަގުމައްޗަށް ނިކުންނަނީ އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެން ޤާނޫނުން ލިބިދީފައިވާ ޙައްގެއް ލިބިގަންނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުން އައިސް މުޒާހަރާގެ ބައިވެރިން ކޮށްޓަކަށްލައި މަސްހުނި ކުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ދެން މިކިޔަނީ އެޗުޕިއޭގެ ގަޑައިޑްލައިނާ ޚިލާފުވަނީޔޭ. އެގޮތަށް ނުހަދާނަމަ ގައިދުރުކަން ބަހައްޓަކައިގެން މުޒާހަރާތައް ސުލްހަވެރިކަމާއެކު ކުރިއަށްދާނެކަން ކަށަވަރު،" ޝިޔާމް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ މުޒާހަރައިން ވަނީ ޕީއެންސީގެ ލީޑަރު ޢަބްދުއްރަޙިމާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނޭ ގޮތަށް ތިރީހަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ވިދާޅުވީ މުޒާހަރާއިން ހައްޔަރު ކުރީ 28 މީހުން ކަމަށެވެ. އެ މުޒާހަރާއިން ހައްޔަރުކުރި މީހުން މިހާރުވަނީ ދޫކޮށްލައިފައެވެ.