ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސެންޓަރ ފޮރ ހަޔަރ "ސެކަންޑަރީ އެޑިއުކޭޝަން – މާލެ" ރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ސީއެޗްއެސްއީ މާލޭގައި އަލުން ހުޅުވައިދެއްވާފައި މިވަނީ އެ ސްކޫލުގެ ޢިމާރާތުގެ އާބާތުރަފިލުވުމަށްފަހު ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.

ސީއެޗްއެސްއީއަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މިރޭ ސީއެޗްއެސްއީ މާލެ ހުޅުވިގެންދިއުމާއެކު ފުރަ މާލޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވީ، މާލޭގެ ސީ.އެޗް.އެސް.އީ. އުވި، ހުޅުމާލޭގައި ސީ.އެޗް.އެސް.އީ. އުފެދި، ގިނަ ދަރިވަރުންތަކެއް މާލެއިން ސީ.އެޗް.އެސް.އީ. ހުޅުމާލެއަށް ދަތުރުކުރަންޖެހުމަކީ ވަރަށް ތަކުލީފުބޮޑު، އެކަމުގެ އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސުވި ކަމެއް ކަމަށާއި މިކަމުގެ ޝަކުވާތައް އަޑުއައްސަވާ، މާލޭގައި އަލުން ސީ.އެޗް.އެސް.އީ ހުޅުވައި، ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ޝުކުރުވެރިކަމާއެކު މުޅި ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ފާހަގަކުރައްވާ ކަމެއް ކަމަށެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން މާލޭގައި މިރޭ އަލުން ހުޅުވިގެންދާއިރު މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.