އެމެރިކާގެ ނާޒުކު ވެރިކަމުގެ ތަޖުރިބާގެ ހަގީގަތް މާދަމާ އެނގިގެން ދާނެއެވެ. އެމެރިކާގެ ޤާނޫނުއަސާސީ ފަށާ ޖުމުލައަކީ، "އަހަރަމެން ރައްޔިތުން" މި ޖުމުލައެވެ.

ޤާނޫނު ހަދަން އެކުލަވާލި މަޖިލީހުގެ ޖަލްސާއަކުން އެމެރިކާގެ ޤާނޫނުއަސާސީ ބައްޓަން ކުރުމަށް މަސައްކަތް ކުރި، ބެން ފްރެންކްލިން ބޭރުވަނިކޮށް މީހަކު ސުއާލުކުރީ، ތިބާމެން ތިޔަ ބައްޓަން ކުރީ ކޮން ސިފައެއްގެ ޤައުމެއް ހެއްޔެވެ؟

ހަރު އަޑުން އޭނާ ޖަވާބުގައި އިއްވީ، "ތިބާމެންނަށް ދެމެހެއްޓިއްޖެނަމަ، އެއީ ޖުމްހޫރިއްޔާއެއް" ކަމަށެވެ.

ޒަމާނަކީ، ދުނިޔޭގައި ޑިމޮކްރެސީތަކެއް އޮތް ޒަމާނެއް ނޫނެވެ. ބާރުގަދަ ޚުދު މުޚުތާރު ރަސްކަލުން ވެރިކަން ކުރަމުން ދިޔަ ޒަމާނެކެވެ.

ޖުމްހޫރިއްޔާ ނޫނީ ރިބަބްލިކަކީ ކުރިން މީހުން ދަންނަ ބަހެއްވެސް ނޫނެވެ. އެބަސް ތަޢާރަފްވެގެން ދިޔައީ، ފަރަންސޭސި ރަސްކަން ވައްޓާލައި ރައްޔިތުން ގެނައި އިންގިލާބުންނެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، ތަރގުޑް މަރޝަލް ވިދާޅުވަނީ އެމެރިކާއަކީ އޮޅާލައި ޖަހާފައި އޮތް ޑިމޮކްރެސީ އެއް ކަމަށެވެ. އެ ޑިކޮމްރެސީގައި ހެޔޮ ވެރިކަމުގެ ސިފަ ޖެހިފައި ވަނީ ޤާނޫނުއަސާސީގެ އަސާސީ ހައްޤުގެ ބާބަށް 27 އިސްލާޙު ގެނައުމުން ކަމަށް އޭނާ ވިދާޅުވެއެވެ!

ސުއާލަކީ، މިއަދުވެސް އެއީ ހެޔޮ ވެރިކަމުގެ ނަމޫނާއެއް ތޯއެވެ؟ ނޫނީ އެއީ ބޮޑު ސޭލް އަޅުވާފައިވާ، ބޮޑު އަގުގައި ނިންމުންތައް ވިއްކާލާ ލޮބީ ޖަމާއަތަކުން ފައިސާއަށް ކޮންޓްރޯލު ކުރާ ނިޒާމެއް ހެއްޔެވެ؟ ޖަވާބު ތިބާއަށް ޚަބަރާއި ތަހުލީލުތަކުން ސާބިތުވާނެއެވެ.

ޝައްކެއް ނެތެވެ! އެމެރިކާއަކީ، ބައެއް ހާލަތުގައި، ބައެއް ތަންތާނގައި، ބައެއް ބާވަތުގެ މިނިވަންކަން ފުޅާކޮށް އޮތް ޤައުމެކެވެ.

އެކަމަކު ދަންނާށެވެ! އެމިނިވަންކަމާއެކުވެސް އެމެރިކާގައި އާންމުކޮށް އޮރިޔާމެއް ނުދެއްކޭނެއެވެ. އެއް ޖިންސުން ގުޅުން ހިންގުން ހުއްދައެއްވެސް ނުވާނެއެވެ. އެކަމަކު، ބައެއް ތަންތާނގައި 16 އަހަރުގެ އަންހެން ކުދިންނާ ކައިވެނިވެސް ކުރެވިދާނެއެވެ.

އެއީ، މާއްދީ ނިޒާމަކާއި އުސޫލުތަކެއް އޮތުމުން ވިޔަފާރިއަށް ފަހި ބިމެކެވެ. ނަތީޖާއެއްގެ ގޮތުން ތިޔާގިކަމާއި ތަނަވަސްކަމަށް މަގުފަހިކޮށްދެއެވެ.

ޑިމޮކްރެސީގައި ފޫޓުއަޅައި ދިރާސާތައް ކުރަމުންދާ، ފްރީޑޮމް ހައުސްއިން ބުނަނީ، އެމެރިކާގައި ޑިމޮކްރެސީއަށް ނޭވާ ހާސްވަމުންދާ ކަމަށެވެ. އެމެރިކާގައި ޑިމޮކްރެސީގެ ނަމުން ސިފަ ކުރެވޭ ފަލްސަފާއަކަށް ނޭވާ ހާސްވެއްޖެނަމަ، ދުނިޔޭގެ ހުރިހައި ބިތެއްގައިވެސް ޑިމޮކްރެސީއަށް ނޭވާލާން އުނދަގޫވާނެ ކަމަށް ފްރީޑޮމް ހައުސްއިން ދެކެއެވެ.

ވައިޓްހައުސްގެ ސިންގާސަނާއާއި ދެ ކެންޑިޑޭޓުން ހެރިސްއާއި ޓްރަމްޕް ދުރުކޮށްފައި އަދި ވަނީ އެންމެ ޕޮއިންޓެއްގެ ތަފާތަކުންނެވެ. މާދަމާ ނަތީޖާއާއެކު ނާޒުކު ޑިމޮކްރެސީއެއްގެ މުސްތަގްބަލު ހާމަވެގެން ދާނެއެވެ.