ޕާކިސްތާނު ސިފައިން މަތީ މަގާމުގައި ތިބޭ މުއްދަތު 3 އަހަރުން 5 އަހަރަށް އިތުރު ކުރުމަށް މިއަދު އެޤައުމުން ނިންމައިފިއެވެ. މިހާރު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އާސިމް މުނީރު އާއި ސިފައިންގެ ލީޑަރުންގެ ޚިދުމަތުގެ މުއްދަތު އިތުރު ކުރަން ޕާލަމެންޓުން ނިންމި ނިންމުމަށް އިމްރާން ޚާން އާއި އޭނާގެ ޕާޓީން ވަނީ ދެކޮޅު ހަދާފައެވެ.

ޕާކިސްތާން ބޮޑުވަޒީރު ޝަހުބާޒް ޝަރީފްގެ ސަރުކާރުން ތައާރަފްކުރި މި އިސްލާހުގެ މަގުސަދަކީ ޕާކިސްތާންގެ ބާރުގަދަ ސިފައިންގެ ޖެނެރަލުންގެ ތާއީދު ހޯދައިގެން ސަރުކާރު ހިންގުން ކަމަށް ބެލެވެއެވެ.

ޕާކިސްތާން ސިފައިންގެ ގާނޫނު،1952 އަށް އިސްލާހު ގެނައުމުގެ ބިލް ގާނޫނު ހަދާ މަޖިލީހަށް ވެއްދެވީ، ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފްއެވެ. އެ އިސްލާޙު ފާސްކުރުމަށް މަޖިލީހުގައި ނެގީ އެންމެ 16 މިނެޓެވެ. އެއަށްފަހު މަޖިލީހުގެ ރައީސް ސަރުދާރު އަޔާޒް ސާދިގު ވަނީ އެ ބިލް ފާސްކޮށްފައިވާކަން ޖަލްސާގެ ލައިވް ބްރޯޑްކާސްޓެއްގައި އިއުލާން ކުރައްވާފަ އެވެ.

އެ ޖަލްސާގައި ތަހުރީކޭ އިންސާފް ޕާޓީގެ ބައެއް މެމްބަރުން ބިލާ ދެކޮޅު ހެއްޖެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުން ވަނީ އެ ބިލުގެ ކޮޕީތައް ވީދާލާފައެވެ.

ޕާކިސްތާނުގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ އަތާޢުﷲ ތަރާރު ޖިއޯ ޗެނަލަށް ވިދާޅުވީ، ސަރުކާރުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ކަމަށް ވުމުން އެއްވެސް މުއައްސަސާއެއްގެ ވެރިއެއްގެ ދައުރު 5 އަހަރަށް ދިގުކުރުމަކުން ގެއްލުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ، ހަމަޖެހުން ދަމަހައްޓާށެވެ.

ޑިފެންސް މިނިސްޓަރު އާސިފް ވިދާޅުވީ ކޮމާންޑަރުން އައްޔަންކުރާ ދުވަހުން ފެށިގެން ޚިދުމަތުގެ މުއްދަތު ފެށޭނެ ކަމަށާއި، އާ ގާނޫނުގެ ދަށުން ނޮވެމްބަރު 2022 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި އަދި 2025 ވަނަ އަހަރު ރިޓަޔާ ކުރައްވަން ހަމަޖެހިފައިވާ ޖެނެރަލް މުނީރުގެ މުއްދަތު މި ގާނޫނު ބުނާ ގޮތުން 2027 ވަނަ އަހަރާ ހަމައަށް ދެމިގެން ދާނެއެވެ.