ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހަކަށް މި ހިނގާ ފެބްރުއަރީ މަސް ވެއްޖެއެވެ.

އެންމެފަހުން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 61 ވަނަ މީހާއެވެ. އަދި މިއީ މިމަހު މަރުވި ނުވަ ވަނަ މީހާއެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 8 ބިދޭސީންނެވެ. މިމަހު މިހާތަނަށް ރާއްޖެއިން ނުވަ މީހަކު ކޮވިޑް ޖެހިގެން ނިޔާވިއިރު، މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ މިމަހު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.