ކޮރޯނާ ވަބާއާ ގުޅިގެން ދުނިޔޭގެ އަސްކަރީ ބާރުތައް އަލުން ތަރުތީބުވާ އިރު ބައެއް ގައުމުތައް އަސްކަރީ ރޮނގުން ކުރިން ހޯދާފައިވާ ކުރިއެރުން ގެއްލޭ ގޮތް ދިމާވެފައި ވެއެވެ. އެގޮތުން ފަހަތަށް ޖެހިފައިވާ ފާހަގަ ކުރެވޭ އެއްގައުމަކީ އިޒްރޭލެވެ.
ދުނިޔޭގެ ބާރުގަދަ 139 އަސްކަރީ ބާރުގެ ތެރޭން މިސްރު ސިފައިން ވަނީ މެދުއިރުމަތީގައި ދެވަނަ ހޯދާފައެވެ. އެއީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ފަސް މިލިޓަރީ ގައުމުތަކުގެ ތެރޭންނެވެ. މި ތަރުތީބުގައި އިޒްރޭލް އައިސްފައިވަނީ މެދުއިރުމަތީގައި އެންމެ ފަހަށް، ފަސް ވަނައަށެވެ.
ދުނިޔޭގެ ނިސްބަތުން ވެސް އިޒްރޭލު ވަނީ ފަހަތަށް ޖެހިފައެވެ. ދުނިޔޭގެ ނިސްބަތުގައި އިޒްރޭލުގެ ތަރުތީބަކީ ވިހި ވަނައެވެ. މިސްރަކީ ދުނިޔޭގެ ނިސްބަތުން 13 ވަނަ އެވެ.
އަސްކަރީ ގޮތުން ދުނިޔެއާއި މެދުއިރުމަތީގައި އިޒްރޭލު ފަހަތަށް ޖެހުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އިޒްރޭލުގެ މުހައްލިލުން ބުނާ ގޮތުން އިޒްރޭލު ވުޖޫދުގައި އޮތުމަކީ މިހާރު ދިމާވެފައިވާ އިޒްރޭލުން އެއަށް ހައްލެން ހޯދަން ޖެހިފައިވާ މައްސަލައެކެވެ.
އިޒްރޭލުގެ ޖާސޫނީ އިދާރާ ޝިންބެޓްގެ ކުރީގެ ރައީސް ކަރްމީ ގީލޯން ވިދާޅުވާ ގޮތުގައި އިޒްރޭލު ދެމިއޮތުމަށް އެންމެ ބޮޑު ގޮން ޖެހުމެއް ކުރިމަތިވެފައި ވަނީ އެގައުމުގެ ހައްދުފަހަނައަޅާފައިވާ ސަލަފީ ބޯދާ ވިސްނުމުގެ އަލްޓްރާ އޯތޮޑަކްސް ޔަހޫދީންގެ ފަރާތުންނެވެ.
މި އުސޫލީ ބޯދާ ގޮތްތަކަށް ތަބާވާ ޔަހޫދީންނަކީ ދީނީ ކަންކަމުގައި އުޅޭ އަދި އުފެއްދުންތެރިކަމާއި ގައުމީ އިގްތިސާދަށް އެމީހުންގެ ފުށުން ފައިދާ އެއް ނުލިބޭ ހަމައެކަނި ކޮންސިއުމް ކުރަން ތިބޭ ބައެކެވެ.
ގީލޯން ވިދާޅުވާ ގޮތުން މިމީހުންނަކީ ޖުއިޝް އަންޑަގްރައުންޑްގެ މީހުންނެވެ. މިމީހުން މަސައްކަތް ކުރަމުން ދަނީ ސިޔާސީ މައިދާނަށް ވެރިވެގަތުމަށެވެ.
ގީލޯން ވިދާޅުވާ ގޮތުގައި މި ފަސްމަންޒަރުގައި އިޒްރޭލު ދެމިއޮތުމާ މެދު ސުއާލު އުފެދެއެވެ. މިމީހުންގެ ނުފޫޒު ގަދަވާކަން އިޒްރޭލުގެ ވެރިންނާއި ސިޔާސީ ލީޑަރުންނަށް އެނގެއެވެ. އެކަމަކު އެމީހުންގެ ވޯޓްގެ ބޭނުމުގައި އެމީހުންނާ މެދު ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނުވެއެވެ.
މި ޖަމާއަތަކީ އިޒްރޭލުގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި ޓެރަރިސްޓް ހަމަލާތައް ދޭ މީހުންނެވެ. މިމީހުން ފާޅުވެ، އެމީހުންނާ މެދު މީހުން ވާހަކަ ދައްކަން ފަށާފައި ވަނީ އޮސްލޯ ސުލްހައިގެ އެއްބަސްވުމާ ދެކޮޅަށް، އެއިރުގެ ބޮޑު ވަޒީރު ޔިޓްސަކް ރަބީން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
ޖުއިޝް އަންޑަގްރައުންޑްގައި ފަސްލައްކައެއްހާ މީހުން އުޅޭ ކަމަށް ގީލޯން އަންދާސާ ކުރައްވައެވެ.
މިސްރާއި އިޒްރޭލުގެ ސިފައިން އަޅާކިޔާ އިރު، މިސްރު އާބާދިއަކީ 104 މިލިއަން އެވެ. އަދި އިޒްރޭލުގެ އާބާދީއަކީ، 8.6 މިލިއަން އެވެ. އަސްކަރީ ދާއިރާގައި އިޒްރޭލުން މިސްރަށް ވުރެން ކުރީގައި އުޅެނީ ޑިފެންސްއަށް ކުރާ ހޭދައިގެ ދާއިރާގައި އެކަންޏެވެ.