ޗައިނާއިން އުއިގޫރު މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގާކަމަށް ބުނެ ޑަޗް ޕާލަމެންޓުން ގަރާރެއް ފާސްކޮށްފިއެވެ. މީގެ ކުރިން ކެނެޑާގެ ޕާލަމެންޓުން ވަނީ މިފަދައިން ގަރާރެއް ފާސްކޮށްފައެވެ. އަދި މިއީ ޔޫރަޕްގެ ގައުމަކުން މިފަދައިން ފާސްކުރި ފުރަތަމަ ގަރާރެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ޝިންޖިއާންގައި މިލިއަނަކަށް ވުރެން ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޖަލުތަކުގައި ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވުމާއި އަނިޔާކުރުމާއި އަންހެނުން ރޭޕްކުރުމާއި އަންހެނުން ދަރިމައިވުން ހުއްޓުވުމުގެ މަސައްކަތްތައް ގަދަކަމުން ހިންގަމުން ގެންދާ ކަމަށެވެ.
ދަ ހޭގްގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ނެދަރލެންޑުން ނިންމާފައިވާ ނިންމުމަކީ ޗައިނާއާ ދެކޮޅަށް ނިންމާފައިވާ ސަރާސަރު ދޮގު ނިންމުމެއް ކަމަށެވެ. އަދި މިއީ ޗައިނާއަށް ހުތުރު އެރުވުމަށާއި ޗައިނާގެ ދާޚިލީ ކަންކަމާ ބެހުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ މިކަން ކުށްވެރިކޮށްފައި ވެއެވެ.
ނެދަރލެންޑްގެ ޕާލަމެންޓްގެ މި ގަރާރަކީ ސަރުކާރަށް އެއަށް އަމަލުކުރުން ލާޒިމު ނިންމުމެއް ނޫނެވެ. އަދި ބޮޑު ވަޒީރު މަރކް ރުޓްގެ ކޮންޒަރވެޓިވް ޕާޓީން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓް ދީފައެވެ.