އެންގުމަކާ ނުލައި ދަތްގަނޑު ހިފައިގެން ނިކުމެ މީހުންގެ ގެތައް ތަޅައި ބިމާ ހަމަކޮށްލުމަކީ ވަރަށް ޖަންގަލީ އުސޫލެއް ކަމަށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމެއްގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޑީ.ވައި ޗަންދްރަ ޗުޑްއާއި އެހެން ފަނޑިޔާރުން ވަނީ އުއްތްރަ ޕްރަދޭޝްގެ ސަރުކާރާ ސުއާލުތަކެއް ކުރައްވާފއެވެ.
އުއްތުރަ ޕްރަދޭޝްގައި ވެރިކަން ކުރާ ބީޖޭޕީގެ ޗީފް މިނިސްޓަރ ޔޯގީ އަކީ ބުލްޑޯޒަރު ބޭނުންކޮށްގެން ދެކޮޅުވެރިންގެ ގެތައް ތަޅައި ބިމާ ހަމަކޮށްލުމަށް އޯޑަރުކޮށްލާ މީހެކެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސަރުކާރު ބިންތަކުގައި ގަވާއިދާ ޚިލާފަށް އިމާރާތް ކޮށްފައިވާ މީހުން ކޮށްފައިވާ ކަމަކީ ރަނގަޅު ކަމެކޭ ނުބުނެވޭނެ ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅޭ ގެތައް ތަޅާލަން ޖެހޭނީ އެމީހުންނަށް އެކަށީގެންވާ މުހުލަތެއް ދިނުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ޔޯގީ ވަނީ، މުސްލިމުންނާ މެދު މިފަދަ ނޭއްގާނި ގޮތަކަށް އަމަލުތައް ކޮށްފައެވެ. ނަމަވެސް މި ދައުވާއަކީ ޓިވާރީ ނަމަކަށް ކިޔާމީހަކު ވެއްދި ދައުވާއެކެވެ.
ކޯޓުން ވަނީ އޭނާއަށް 2.5 މިލިއަންގެ ބަދަލެއްވެސް ނަގައި ދީފައެވެ. އަދި ސަރުކާރު ބިންތައް ހިފައިގެން އުޅޭ މީހުންނާއި ގަވާއިދާ ޚިލާފަށް އިމާރާތް ކޮށްފައިވާ މީހުންގެ ގެތައް ތަޅާޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއްވެސް ސުޕްރީމް ކޯޓުން ވަނީ އިއުލާން ކޮށްފައެވެ. އޭގެ އިތުރުން މި ޖަރީމާ ހިންގި މަސްއޫލުވެރިން ހޯދައި އެމީހުންނަށް ފިޔަވަޅު އެޅުމަށާއި އެމީހުންނަށް އެޅި ފިޔަވަޅު ކޯޓަށް އެންގުމަށްވެސް އަމުރު ކޮށްފައި ވެއެވެ.