ލީބިޔާގެ ޤައުމީ އެއްބައިވަންތަ ސަރުކާރުން ޕާޓޭ ކަލްޗަރއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ފުލުހުންގެ ޚާއްސަ ޔުނިޓެއް އުފައްދައި މަގުތަކަށް ނެރެފިއެވެ.

ލީބިޔާގެ ދާޚިލީ ވަޒީރު އިމާދު ތަރާބުލުސީ ވަނީ އަޚްލާޤީ މައްސަލަތައް ބަލާ ފުލުހުންގެ ބާރުން އާންމު އަޚުލާގީ މިންގަޑާ ޚިލާފްވާ ފަރާތްތައް ހުއްޓުވައި ސުއާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަގުމަތީގައި ބޯދިގުކޮށްގެން އުޅޭމީހުންނާއި، ކަންފަތު މުދިލާފައި ތިބޭ މީހުންނާއި ވީދާފައި ހުންނަ ޖިންސާއި އުނގަނޑުން ސޮއްސާލައިފައި ހުންނަ، ބިމުގައި ދެމޭ ހަރުވާޅުލައިގެން ތިބޭމީހުން ހުއްޓުވައި އެމީހުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ. އަދި ދެޖިންސުން ކޮފީ ޝޮޕްތަކާއި މަގުމަތީގައި މަންޖޯޅިވެގެން އުޅުމާއި އަންހެނުން ބުރުގާ ނާޅައި ބޭރުގައި އުޅުމުގެ މައްސަލަތައްވެސް ބަލާނެއެވެ. އެ ފިޔަވަޅުތަކުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

"މުޖުތަމައުގެ އަދަބުތަކާ ފުށުއަރާކަންކަމާ ދެކޮޅަށް އަޚުލާގީ ފުލުހުން މަސައްކަތް ކުރާނެ" ޢިމާދު ތަރާބުލުސީ މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ތަރާބުލުސީ ވަނީ ކީރިތި ޤުރުއާނާއި ސުންނަތާ ބެހޭ ތަމްރީނު ޕްރޮގްރާމްތައް ފުލުހުންނަށް ހިންގަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޕާޓޭންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ތަރާބުލުސީ ވިދާޅުވުމުން ރައްޔިތުންގެ ތެރޭން ބައެއް ފަރާތްތަކުން ވަނީ މިނިވަންކަން ނިގުޅައިގަންނަނީ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

"އަޚްލާޤީ ޕޮލިސް ފޯސްގެ ޕެޓްރޯލްތަކުން މުޖުތަމައުގެ ސަގާފަތް ދެމެހެއްޓުމަށް އަމާޒުކޮށްގެން ޚާއްސަ މަސައްކަތްތައް ކުރާނެ" ތަރާބުލުސީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ "ލީބިޔާގެ ބައެއް ޒުވާނުންގެ މެދުގައި ފެތުރިފައިވާ 'ހުޅަނގުގެ ސަގާފަތާއި އާދަކާދަ ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން އަޒުމް ކަނޑައަޅާފައިވާނެ" ކަމަށެވެ.