ޗައިނާގައި ހުއްދަ ކޮށްފައިވާ ފަސް ދީނުގެ ދީނީ ލީޑަރުން ޗައިނާގެ ސަގާފަތަށާއި ކޮމިއުނިސްޓް އުސޫލުތަކަށް ހޭލުންތެރިކޮށް ހޭނުމަށްޓަކައި އެމީހުންނަށް ތަމްރީނު ދޭން ނިންމައިފިއެވެ. ޗައިނާއިން މިއަހަރު ޖަނަވަރީގައި ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ދީނީ ލީޑަރުންނަށް ތަމްރީން ޕްރޮގްރާމު ހިންގަން ޖެހެއެވެ.
އެ ތަމްރީނުގައި، މުހިންމު ކޮމިއުނިސްޓް ތާރީޚި ތަންތަނަށް ގެންދިއުމާއި ކޮމިއުނިޒްމއާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.
މި ފަދަ ތަމްރީންގެ ފުރަތަމަ ބެޗް ބާއްވާފައި ވަނީ، މިއަހަރުގެ އޮކްޓޯބަރު 21-27 އަށެވެ. އެ ތަމްރީނު އިންތިޒާމު ކުރީ ޔުނައިޓެޑް ފްރަންޓް ވޯކް ޑިޕާޓްމަންޓުންނެވެ، އޭގައި ހެނާން ޕްރޮވިންސްގައި 140 ދީނީ ލީޑަރުންނަށް ހަތް ދުވަހުގެ ޕްރޮގްރާމެއްގެ ދަށުން މުހިންމު ތާރީޚީ ތަންތަނަށް ދަތުރު ގެންދިއުން ހިމެނެއެވެ.
މި ޕްރޮގްރާމުތަކުގައި އިތުރަށް، ޝީ ޖިންޕިންގެ ސިޔާސަތުތަކާ ބެހޭ ދަރުސްތައް ދިނުމާއި ގްރޫޕް ޑިސްކަޝަންތައް ބޭއްވުން ވެސް ހިމެނުނެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ ދީނީ އިލްމުވެރިން ދައުލަތުގެ ފިކުރުތަކާ އެއްގޮތްކޮށް، އެމީޙުންގެ ދީނީ ހަރަކާތްތައް ބައްޓަންކޮށް ދައުލަތުގެ ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމެވެ.
ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާގެ ދީނީ އަގީދާތަކާއި ފަލްސަފާތައްވެސް ޗައިނާ ވަންތަ ގޮތަކަށް، ސިނިސައިޒް ކުރުމަށް ބާރު އަޅާފައި ވެއެވެ. އެގޮތުން މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައް ތަޅާލުމާއި އަރަބި އަކުރުން މުސްލިމުންގެ ފިހާރަތަކުގެ ނަންތައް ނުލިޔުންވެސް ހިމެނެއެވެ.