އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭން ރީލޯންޗު ކުރި ރަސްމިއްޔާތުގައި ދިހަ މީހުންނަށް ވުރެ ގިނަ މީހުން ތިއްބަސް ފުލުހުން ވެސް އެޗުޕީއޭ އިން ވެސް އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގައި ތިއްބަވައިގެން ސަރުކާރުގެ މުއައްސަސާތަކުން ނެރުއްވާ ގައިޑްލައިންތަކަށް ތަބާނުވުމަކީ ވަރަށްދެރަ ނާތަހުޒީބު ކަމެއް ކަމަށެވެ. ރަށްވެހި ފަތިސް ކެންޕޭން ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗުޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލާގައި އެޗުޕީއޭއިން ވިދާޅުވެފައިވަނީ އެމައްސަލަ ބައްލަވާނީ ފުލުހުން ކަމަށެވެ. އެހެންނަމަވެސް ފުލުހުން އެކަން ބެއްލެވި ކަމެއް އެނގިފައެއް ނުވެއެވެ. "އެހެންނަމަވެސް އަޅުގަނޑުމެން "ހައެއްކަ މީހުން" މަގުމައްޗަށް ނުނިކުންނަނީސް މުޅި ސަރަހައްދަށް ފުލުހުން ފޮނުވައި އެގެންދަވަނީ ބްލޮކްކުރުވަމުން. މިއީ ހަމަހަމަކަމެއްނެތްކަން އަންގައިދޭ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީއަށް އެކިނަންނަމުގައި ރަށްރަށަށް ގޮސް ކެންޕޭން ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ޕާޓީ އޮންނަންޖެހެނީ ކޮށްޓެއްގައި ބަންދުކޮށްފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. "ސަރުކާރުގައި ތިއްބަވައިގެން ކޮންމެވެސް މަޝްރޫއެއް ފަށަން ނުވަތަ ކޮންމެވެސް އެހެން ކަމެއްގެ ބަހަނާގައި ރަށްރަށަށް ގޮސް ސަރުކާރު ހިންގާ ޕާޓީން ގެންދަނީ ހިތްފުރޭވަރަށް ކެންޕޭން ކުރަމުން. އަޅުގަނޑުމެން ތިބެން މިޖެހެނީ ހައިޖެކްވެފައި. ފަސް މީހުން އެއްވިޔަސް އުފުރާލަނީ. މިއީ އިންސާފެއްނޫން. މިވަގުތު އެޗުޕީއޭއިން "ގައުމު ހިންގަމުން" ދާއިރު އިދކޮޅު ޕާޓީއަށް ވެސް ފުރުސަތެއް ލިބޭނެގޮތަށް ކަންކަން އިންތިޒާމް ކުރަންޖެހޭ. ފުލުހުން ވެސް އެބަޖެހޭ މިކަމަށް ގޮތެއް ހޯދައިދޭން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ނުރައްކާތެރި ކޮވިޑްގެ މިޙާލަތުގައި ސަރުކާރުން ގެންދަވަނީ ނާޖާއިޒު ފައިދާ ނަންގަވަމުން ކަމަށެވެ. ކޮވިޑްގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަކޮށް ދައްކުވައި އިދިކޮޅު ފަރާތްތައް ގޭގައި ބައިތިއްބާފައި ސަރުކާރުން ގެންދަވަނީ ބޭނުން ގޮތަކަށް ކަންކަން ކުރަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް ފެތުރެނީ ޕްރޮގްރެސިވް ކޯލިޝަނުން މަގުމައްޗަށް ނުކުތުމުން ކަމަށް ދޭހަވާގޮތަށް ކަމާބެހޭ ފަރާތްތަކުން ވާހަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. "ކޮވިޑުގެ ހާލަތު އަޅުގަނޑުމެންގެ ބޮލަށް ކަނޑައިގެން ކަމަކުނުދޭ. މުޅިގައުމުގެ ހަލާކުވެގެން މިދަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކޮވިޑް ވަބާއިން ސަލާމަތް ވުމަށް ދެވެންއޮތް ހުރިހާއެހީތެރިކަމެއް ސަރުކާރަށް ދެއްވަން ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށެވެ. ކޮވިޑް ފެތުރެން ފެށި ދުވަސްވަރު ވޮލަންޓިއަރުން ބޭނުންވެގެން ހުޅުވާލުމުން އެއްހާސް ވޮލަންޓިއަރުން ހަމަޖައްސަވައި ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.