ޒަޔަނިޒަމަށް ޕާކިސްތާންގައި ހިތްވަރުދިނުން މަނާ ކުރުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާޙު ހުށަހެޅުމަށް ޕާކިސްތާންގެ ސެނެޓުގެ ދާޚިލީ ކަންކަމާ ބެހޭ ދާއިމީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސަރުކާރު ހިންގާ މުސްލިމް ލީފގް (ނ) ގެ ސެނެޓަރު އަފްނާނުﷲ ޚާން އެވެ. އެ ބިލަކީ އެނގިހުރެ ނުވަތަ ގަސްތުގައި މުޖުތަމައުގައި ނަފްރަތު އުފެއްދުމަށް ޒަޔަނިޒަމްގެ ޝިއާރުތައް ބޭނުން ކުރުމާއި ދެއްކުމާއި އެކަމަށް ހިތްވަރު ދިނުން މަނާ ކުރާ ބިލެކެވެ.

ބިލްގައިވާ ގޮތުން އެކަން ކޮށްފި މީހަކަށް 3 އަހަރުގެ ޖަލު ހުކުމެއް ނޫނީ 40،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ދެ އަދަދު އެއްކޮށް ދިނުން ހިމެނެއެވެ.

ބިލުގައި ބުނަނީ ޕާކިސްތާނަކީ މުސްލިމް ދައުލަތަކަށް ވުމުން، އެގައުމުގައި ހަމަނުޖެހުން ފެތުރުމަށްޓަކައި، ޒަޔަނިޒަމް ދައްކުވައިދޭ ރަމްޒުތައް ދައްކާލުމުގެ ފުރުސަތު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

"ޒަޔަނިޒަމް" މާނަ ކޮށްދެމުން ބުނެފައި ވަނީ މި ލަފުޒު އުފެއްދީ 1890 ވަނަ އަހަރު ނޭތަން ބަރންބަމް ކަމަށާއި އެއީ، ނަސްލީ އަދި ދީނީ ހަރަކާތެއްގެ ގޮތުގައި ފަހުން ފެށި ފިކުރެއް ކަމަށެވެ.