ގދ. މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ މީހެއްގެ އަތް ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުޅުނު “ކުރިމަގު” ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 12:33 ހާއިރުކަމަށެވެ.

އެ ހާދިސާގައި އެ ދޯނީގައި ހުރި ޢުމުރުން 53 އަހަރުގެ ފަޅުވެރިއެއްގެ އަތް ފިހި ހާލު ދެރަވެގެން އަވަސް ފަރުވާއަށް ކޮސްޓްގާޑުގައި ގދ. ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭނާ ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 13:16 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި އަލިފާނުގެ ޙާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެދޯނީގައި ރޯވެފައިވަނީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައެވެ.