ޒަޔަނިސްޓް އިޒްރޭލާއި ޙަމާސްއާ ދެމެދު ހަމަލަތައް ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު އަދާ ކުރުން ޤަތަރުން ހުއްޓާލައިފިކަމަށް ދޯޙާއިން ބުނެފިއެވެ.

މިވާހަކަ ރިޕޯޓު ކުރަމުން ރޮއިޓާޒް އިން ބުނަނީ ޤަތަރުގައި ހުންނަ ޙަމާސްގެ އޮފީސް ބަންދުކުރުމަށްވެސް ދޯޙާއިން ޙަމާސަށް އަންގާފައިވާ ކަމަށާއި އެ އޮފީސް ބެހެއްޓުމުން މިހާރު ފައިދާއެއް ނުފެންނަ ކަމަށެވެ.

ޤަތަރުން ބުނެފައި ވަނީ ހަމާސްއާއި އިޒްރޭލުން ސީރިއަށް ކޮށް ހަމަލަތައް ހުއްޓާލުމަށް ވާހަކަ ދައްކަން ޝައުގުވެރިވާކަން ދައްކަން ޖެހޭނެ ކަމަށެވެ.

ދޯޙާއިން ވަނީ އިޒްރޭލާއި ޙަމާސާއި އެމެރިކާއަށްވެސް ޤަތަރުގެ މިނިންމުން އަންގާފައި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ޙަމާސްގެ އިސް ފަރާތަކުން ފްރާންސް ޕްރެސްއަށް މަޢުލޫމާތު ދިން ގޮތުގައި ޤަތަރުގައި ހުންނަ ހަމާސްގެ އޮފީސް ބަންދުކުރުމަށް ޙަމާސްއަށް ޤަތަރުން އަދި އަންގާފައެއް ނުވެއެވެ.

އެމެރިކާގެ އެކްސިއޮސްއިން އިޒްރޭލު މަސްއޫލުވެރިއަކާ ހަމާލާދީ ބުނެފައި ވަނީ ޤަތަރުގެ ނިންމުމަކީ މަރުހަބާ ކިޔާ ފެންވަރުގެ ރަނގަޅު ނިންމުމެއް ކަމަށެވެ. އެހެންނަމަވެސް އެމެރިކާއާއި މިސްރުން މެދުވެރިއެއްގެ ބައި ކުޅޭނެ ކަމުގެ ޔަގީންކަން އިޒްރޭލަށް އޮތް ކަމުގައި އޭނާ ބުންޏެވެ.