ސައޫދީ ވެރިރަށުގައި ކުރިއަށްދާ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޖަލްސާގައި ޕާކިސްތާންގެ ފޮރިން މިނިސްޓަރ އިސްޙާޤް ދާރު ވަނީ ފަލަސްތީނާއި ޣައްޒާއާއި ލުބުނާނާއި ސީރިއާ އަދި އީރާނާއި އިރާގުގައި އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރި ކުރައްވައި، އިޒްރޭލަށް ހަތިޔާރު ސަޕްލައި ކުރުން ހުއްޓުވުމަށް ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނާމާންވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް އަރަބި ލީގާއި އޯއައިސީން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

ޕާކިސްތާން ވަޒީރު މިގޮތަށް ވާހަކަ ދެއްކެވި އިރު އިސްލާމީ ޤައުމުތަކުން މިދިޔަ އަހަރު ރިޔާޟްގައި ބައްދަލު ކުރެއްވި ފަހުން ފަލަސްޠީނު ސުންނާފަތިކޮށް ގަތުލުއާންމު ހިންގައި އިޒްރޭލުން ވަނީ މީހުން ބަނޑަށް ޖައްސާފައެވެ. އެކަން ހުއްޓުވުމަށް އަރަބި ޤައުމަކުން ވިއަސް އިސްލާމީ ޤައުމަކުން ވިއަސް އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. އަދި އިރާންގެ ލީޑަރުން ފިޔަވައި އިސްލާމީ ލީޑަރުންގެ ތެރޭން އަނގައިން މޮޅުބަސް ވިދާޅުވުންފަދަ އިތުރު ފިޔަވަޅެއް އެޅުއްވި ފަރާތެއް ފެނިފައެއްނުވެއެވެ.

އިސްޙާޤް ދާރް ވަނީ، އަރަބި އިސްލާމީ ސަމިޓްތަކުގައި ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމަށް ޖޮއިންޓް އެންވޯއީއެއް އައްޔަންކުރުމަށް ހުށަހަޅުއްވާފައެވެ.