ސިއްޙީ ދާއިރާގައި ރިސާޗް ހެދުމަށް އިންޑިއާއާ ގުޅިގެން މަސައްކަތް ކުރުމަށާއި އަދި އެއާއެކު އިންޑިއާއިން އިތުރު ވެކްސިން ގަތުމަށް ބްރަޒީލުން ނިންމައިފިއެވެ.
ބްރަޒީލުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މާރކޮސް ޕޮންޓޭ ވިދާޅުވީ، ބްރަޒީލުގެ އަމާޒަކީ މުޅިއާބާދީގެ އެންމެނަށް ވެންސިން ދިނުމެވެ. އެހެންވެ ބްރަޒީލަށް ބޭނުންވާ އިތުރު ވެކްސިން އިންޑިއާއިން ގަންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ޕޮންޓޭ މިވާހަކަތައް ހާމަކުރައްވާފައި ވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
އިންޑިއާއިން އުދުއްސައިދޭ ބްރަޒީލުގެ އެމެޒޯނިއާ1 ސެޓެލައިޓް މައޗަށް ފޮނުވުމުގެ ރަސްމިއްޔާތުވެސް އޭނާ ޝަރަފްވެރިކޮށްދެއްވާނެއެވެ.
ބްރަޒީލުން ވަނީ އިންޑިއާއިން ކޮވިޑް19 ވެކްސިންގެ ދެ ބެޗް ލިބިގެންފައެވެ. އެންމެ ފަހު ބެޗް ބްރަޒީލަށް ފޯރާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ބްރަޒީލުން ދެ ބުރަށް ގެންގޮސްފައިވާ ވެކްސިންއަކީ އެސްޓްރާ ޒެނެކާގެ ވެކްސިނެވެ.
ޕޮންޓޭ ވިދާޅުވިގޮތުގައި ޗިކަންގުންޏާއާއި ޑެންގޫއަކީވެސް ބްރަޒީލުގައި ވަރަށް ބޮދު މައްސަލައެކެވެ. އެހެންވެ އެ ދެ ދާއިރާއިންވެސް އިންޑިއާއިން އެހީތެރިކަން ހޯދައި ދެފަރާތް ގުޅިގެން ރިސާޗް ހެދުން ކުރިއަށް ގެންދިއުމަކީ އަމާޒެކެވެ. އަދި ނޭނޯ ޓެކްނޮލޮޖީއާއި އާރޓިފިޝަން އިންޓެލިޖެންސް އަކީވެސް ބްރަޒީލުން ބޭސްވެރިކަމުގެ ދާއިރާއަށް ގެންނަންބޭނުންވާ ދެ ޓެކްނޮލޮޖީކަމުން މި ކަމުގައިވެސް އިންޑިއާއާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
ކުރިން އެއަރފޯސް ޕައިލެޓަކަށް އުޅުއްވުމަށްފަހު ނާސާއާއި ރަޝިޔާގެ ޖައްވީ އިދާރާގައި މަސައްކަތް ކުރައްވާ ފައިވާ ޕޮންޓޭ ވިދާޅުވީ ޖައްވީ ދާއިރާއިން ގުޅުން ބަދަހި ކުރުމަކީވެސް އަމާޒެއް ކަމަށެވެ.