މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފާނަންޑޭޒް, އެ ކްލަބުގެ އިންޓެރިމް މެނޭޖަރުގެ ގޮތުގައި މި ދިޔަ ދެ ހަފްތާގައި މަސައްކަތް ކުރި ރޫޑް ވެން ނިސްލްރޯއީއަށް ތައުރީފުގެ ބަސްތަކެއް ރައްދުކޮށްފިއެވެ.

އެރިކް ޓެންހާގް ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރުމާއެކު ފަސްޖެހުމެއްނެތި, ދާއިމީ ކޯޗެއް ހަމަޖެހެންދެން ކްލަބުގެ ހުންގާނުގައި ހިފި ނިސްލްރޯއީ ވަނީ ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމު ހަތަރު މެޗަށް އަދާކޮށްފައެވެ. މި ހަތަރު މެޗުގައި އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ނިސްލްރޯއީ, ކްލަބަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރަމުން ފާނަންޑޭޒް ވަނީ އޭނާއަށް ތައުރީފުގެ އެތައް ބަހެއް ރައްދުކޮށްފައެވެ.

"ނިސްލްރޯއީ ޔުނައިޓެޑު ދެކެ އިންތިހާއަށް ލޯބިވާ މީހެއް. އޭނާ އަބަދު ވެސް މަސައްކަތް ކުރޭ ކުޅުންތެރިންނަށް އުފާވެރިކަން ގެނެސްދެވޭތޯ. ކޮންމެ މެޗަކަށް ވެސް އޭނާ އަހަރެމެން ތައްޔާރު ކުރަނީ ހިނިތުންވުމަކާއެކު. ވަރަށް ސާފު އޭނާގެ އެންމެ ބޮޑު ބޭނުމަކީ އަހަރެމެންގެ މޫނަށް ހިނިތުންވުމެއް ގެނައުންކަން." ނިސްލްރޯއީއަށް ތައުރީފު ކުރަމުން ފާނަންޑޭޒް ބުންޏެވެ.

އިއްޔެ ލެއިސެސްޓާއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗަކީ ނިސްލްރޯއީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅުނު ފަހު މެޗެވެ. ނިސްލްރޯއީގެ ބެލުމުގެ ދަށުގައި ޔުނައިޓެޑު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗު ކާމިޔާބު ކޮށް, އެއް މެޗުން އެއްވަރުވެފައެވެ.