އެމެރިކާއިން އީރާނާ ދެކޮޅަށް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވަނީ އީރާންގެ ޗާބާރު ޕޯޓާއި އެ ޕޯޓްގައި އިންވެސްޓް ކޯށްފައިވާ ފަރާތްތައް ދަތިކުރުމުގެ ފިޔަވަޅު ތަކުން އިސްތިސްނާ ކޮށްފައެވެ.މީގެ ސަބަބަކީ އިންޑިއާއިން 2013 ވަނަ އަހަރުން ފެށިގެން މި ޕޯޓް ތަރައްގީ ކުރުމަށް ފަށާފައިޥާ މަސައްކަތެވެ.
އިންޑިއާއިން މި ޕޯޓް ތަރައްގީ ކުރަނީ އަފްޣާނިސްތާނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ޕާކިސްތާނާ ނުލައި އެއްގަމުން އިންޑިއާއިން ވަދޭ ގޮތަށް ހުޅުވާލާ މަގެއްގެ ގޮތުގައެވެ.
ބެލެވޭ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައިވެސް ޗާބާރު ޕޯޓް ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާ ކުރާނެއެވެ. މި މަގްސަދު ހާސިލު ކުރުމަށްޓަކައި އީރާނުން ވަނީ އިންޑިއާއަށް މެސެޖެއް ދީފައެވެ.
އީރާންގެ ބަނދަރުތަކާ ބެހޭ ވަޒީރު މުހައްމަދު އިސްލާމީ ވިދާޅުވެފައި ވަނީ ޝަހީދު ބެހިޝްތީ ޕޯޓާއި ޗާބާރު ޕޯޓްގައި އިންޑިއާއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް އިންޑިއާއިން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ބަނދަރުގެ މަސައްކަތް ލަސްވެފައި ވަނީ އެމެރިކާއިން ދުއްތުރާ ކުރުމުން ކަމަށްވެސް އޭނާ ސިފަ ކުރެއްވިއެވެ.
އޭނާ ވިދާޅުވެފައި ވަނީ އެހެން ގައުމުތަކުންވެސް މި ބަދަރު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ކަމަށެވެ. އަދި އިންޑިއާ ނޫން އެހެން ގައުމުތަކަށްވެސް ކުރެވޭނެ މަސައްކަތްތައް ހުރި ކަމުގައެވެ.
ނުސީދާ ގޮތެއްގައި އޭނާ އިޝާރާތް ކުރެއްވީ ޗައިނާއާއި ޕާކިސްތާނުން މި ސަރަހައްދަށް ޝައުގުވެރިވާތީ އެވެ.
އިންޑިއާއިން ވަނީ ދާދި ގަހުން 140 ޓަނުގެ މޮބައިލް ދެ ކެރޭން މި ބަނދަރާ ހަވާލުކޮށްފައެވެ،
މައިކް ޕޮމްޕިއޯ ޗާބާރު ބަނދަރު އިސްތިސްނާ ކުރިކަމުގައިވިއަސް އަޅާފާނެ އެހެން ފިޔަވަޅު ތަކާ ހެދު މި ޕޯޓްގައި މަސައްކަތް ކުރާ އިންޑިއާ ކުންފުނިން ވަނީ މަސައްކަތް ލަސްކޮށްފައެވެ.
މި ބަނދަރާއެކު ހެދުމަށް ނިންމާފައިވާ ބަނދަރުން އަފްޣާނިސްތާން ސަރަހައްދާ ހަމައަށް އޮންނަ ރޭލްވޭގެ މަސައްކަތްވެސް ލަަސް ވުމުގެ ސަބަބުން އީރާނުން ވަނީ އިންޑިއާ އަތުން ނަގާފައެވެ.
ނަމަވެސް ފަހަކަށް އައިސް ނިއުދިއްލީއަށް އީރާންގެ ވީއައިޕީންގެ ދަތުރުތަކާއި 40 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް އީރާންގެ ޑިފެންސް މިނިސްޓަރ ވަޑައި ގަތުމުގެ ސަބަބުން އަނެއްކާވެސް އިންޑިއާއަށް އީރާންގެ ބަނދަރުގެ މަސައްކަތް ފަހި ވެފައި ވެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ޚާރިޖީ ވަޒިރުވެސް ވަނީ ތެހެރާނަށް ރަސްމީ ދަތުރުތަކެއް ކުރައްވާފައެވެ.
މި ޕްރޮޖކްތަށް އިންޑިއާއިން ވަނީ 85 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ. އަދި މިއަހަރުގެ ބަޖެޓްގައި އިތުރު ބިލިއަން ޑޮލަރުވެސް ހިމަނާފައި ވެއެވެ.
ޗާބާރު ޕޯޓް ނިމުމާއެކު މިތަން ވެގެންދާނީ އިންޑިއާގެ އުފެއްދުންތަކަށް މެދުތެރޭ އޭޝިއާގެ ބާޒާރު ހުޅުވާލުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ.
ޗާބާރު ޕޯޓްގެ އަވަށްޓެރިޔަކީ ޗައިނާއިން ޕާކިސްތާންގެ ގަވަދާރުގައި ހަދާ ބަނދަރެވެ. މިއީ ޕާކިސްތާނުން ސީދާ ޗައިނާގެ ޝިންޖިއާނަށް އަޅާފައުވާ ހައިވޭ އިން މެދުއިރުމަތީގެ ތެލާއި އެހެނިހެން އުފެއްދުންތައް އެތެރެ ކުރުމަށް އޮންނަ ޚާއްސަ ބަނދަރަކާއި ޑިއުޓީ ފްރީ ޕޯޓެކެވެ.