ސްޕެނިޝް ލަލީގާގައި ރެއާލް ސޮސައިޑޭޑް އަތުން 1-0 އިން ބާސެލޯނާ ބަލިވި މެޗުގައި ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑު އޮފްސައިޑު ކަމަށް ނިންމީ ނުހައްގުން ކަމަށް އެ ކްލަބުގެ ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.

ރޭގައި ބާސެލޯނާއާ ރެއާލް ސޮސައިޑޭޑް ވާދަކުރި ފޯރިގަދަ މެޗުގެ 15 ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ލަނޑެއް ޖަހާ ބާސާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ލަލީގާގައު އަލަށް އިފްތިތާހު ކުރި އޮފްސައިޑް ބަލާ ސިސްޓަމެއް ކަމުގައިވާ ސެމީ އޮޓަމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) ވަނީ, އެ ގޯލު ޖެހިއިރު ލެވަންޑޮސްކީ ހުރީ އޮފްސައިޑުގައި ކަމަށް ބަލާ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.

އެސްއޭއޯޓީ, ލެވަންޑޮސްކީގެ ގޯލު ސައްހަ ނޫން ކަމަށް ނިންމި ކަމުގައިވިއަސް މެޗަށްފަހު ފެނުނު ރީޕްލޭ ތަކުގައި ސޮސައިޑޭޑްގެ ޑިފެންޑަރުގެ ފައި އިން ކަމަށް ފެންނަނީ ލެވަންޑޮސްކީއަށްވުރެ ފަހަތުގައެވެ.

މި ހާދިސާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ފްލިކް ބުނި ގޮތުގައި މި ނިންމުން ރަނގަޅު ނޫން ކަމުގައިވިއަސް އެ ނިންމުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ރީޕްލޭތައް ބެލީމަ ވަރަށް ސާފު ލެވަންޑޮސްކީގެ ގޯލު ސައްހަ ނޫން ކަމަށް ނިންމި ނިންމުން ރަނގަޅު ނޫން ކަން. މިއީ ރެފްރީގެ ސަބަބުން ދިމާވި ކަމެއް ނޫން. އަހަރެމެންނަށް ހަމައެކަނި އޮތް ގޮތަކީ މި ނިންމުން ގަބޫލުކުރުން" ލެވަންޑޮސްކީގެ ގޯލާ ބެހޭ ގޮތުން ވާހަކަދައްކަމުން ފްލިކް ބުންޏެވެ.

ރެއާލް ސޮސައިޑޭޑް އަތުން 1-0 އިން ބަލިވުމާއެކު ބާސާ ވަނީ މި ސީޒަނުގައި އަލަށް މެޗެއްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ސޮސައިޑޭޑް އަތުން ބަލިވި ކަމުގައިވިއަސް ކުޅުނު 13 މެޗުން ހޯދި 33 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައު އޮތީ ބާސާއެވެ. ދެވަނައިގައި 12 މެޗު ކުޅެ ހޯދި 27 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ.