ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް މިހާރު ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް 2 ދުވަހަކަށް މެދުކަނޑާލަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، ވެކްސިން ދިނުމުގެ ޕްރޮގްރާމް މި ހަފްތާ ބަންދުގައި މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި، ވެކްސިން ދިނުން މެދުކަނޑާލަނީ، ވެކްސިން ކެމްޕެއިން ކޯޑިނޭޓް ކުރުމަށް އިންޑިއާގައި ބޭނުންކުރާ ސޮފްޓްވެއަރ އަޕްގްރޭޑް ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.
ސޮފްޓްވެއަރ އަޕްގްރޭޑް ކުރުމަށްފަހު އިންޑިއާއިން ތައްޔާރުވަމުންދަނީ، ވެކްސިން ދިނުމުގެ ޕްރޮގްރާމް މިހާރަށް ވުރެންވެސް ފުޅާކުރުމަށެވެ. ސަބަބަކީ، އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބަލި ފެތުރުން އިތުރުވާން ފެށުމުންނެވެ.
އެމެރިކާ ފިޔަވައި، އިންޑިއާގައި މުޅި ދުނިޔެއިންވެސް ކޮވިޑް-19 ބަލިމަޑުކަން ދެވަނައަށް އެންމެ ބޮޑުވެފައިވާ ގައުމެވެ.
އިންޑިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ، މިދިޔަ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ.
ވެކްސިން ދިނުމުގެ ފުރަތަމަ މަރްހަލާގައި ސިއްހީ މަސައްކަތްތެރިންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ޕްލޭން ކޮށްފައިވާއިރު، އޭގެތެރެއިން މިހާތަނަށް 11.5 މިލިއަން މީހުންނަށް ވެކްސިން ދީފައި ވެއެވެ.
އިންޑިއާއިން 300 މިލިއަން ހަމަކުރަން އަމާޒުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓުގެ ނިޔަލަށެވެ.
އިންޑިއާއިން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަކީ ދުނިޔޭގެ އެންމެބޮޑު ވެކްސިން ޕްރޮގްރާމެވެ. މިކަމަށް އިންޑިއާ ސަރުކާރުން ބޭނުންކުރަނީ "ކޯ-ވިން" ނަމަކަށްކިޔާ އެޕްލިކެޝަނެކެވެ.
ވެކްސިން ޖަހާ މީހާގެ އެޕޮއިންޓްމަންޓާއި، ވެކްސިން ޖަހާ ތަނާއި، ވެކްސިންޖަހާ މަރުކަޒުތަކަށް ގެންދެވޭ ވެކްސިން ޑޯޒްގެ އަދަދުތައް ކަމާބެހޭ ފަރާތްތަކުން މޮނިޓަރ ކުރަނީވެސް މި އެޕް މެދުވެރިކޮށެވެ.
އިންޑިއާއިން ވެކްސިން ޕްރޮގްރާމް ފުރަތަމަ ފެށިކޮޅު އެޕްލިކޭޝަންގެ މައްސަލަޖެހި، ވެކްސިން ޖެހުމަށް ބޮޑެތި ހުރަސްތަކާއި ބުރޫތައް އަރައިގެންދިޔައެވެ.
އެޕްލިކޭޝަން އަޕްގްރޭޑް ކުރެވި، ވެކްސިން ޖަހަން ފަށާއިރު، މިހާރު ދުވާލެއްގެ މައްޗަށް 3 ލައްކަ މީހުންނަށް ވެކްސިން ދިން ނަމަވެސް، އެ އަދަދު ދުވާލެއްގެ މައްޗަށް 10 މިލިއަނަށް އަރައިގެންދާނެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އުންމީދުކުރެއެވެ.