އއ. މަތިވެރީއަކީ ރީތި ރަށެވެ. ސާފުތާހިރު ރަށެކެވެ. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ތަޢާރަފްވެ ހިތްގައިމު ރީތި ގެސްޓް ހައުސްތައް ބިނާވުމުން އެރަށުގެ ރީތިކަން ވަނީ ޒަމާނާ ގުޅިފައެވެ.

މި ގެސްޓު ހައުސްތަކުން ލިބޭ ނަފާވެސް ބޮޑެވެ. އެ ނަފާ އެލިބެނީ ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަތުންނެވެ. އެމީހުންގެ އަތުން ލިބޭ ޑޮލަރު އެރަށު ރައްޔިތުންގެ ޖީބަށްވަދެ ފުރުނަސް އެރަށު ކައުންސިލުން ނުކުރާނެ ކަމެއް އެބައޮތެވެ. އިސްލާމްދީނާ ޚިލާފު ކަންކަމާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަންކަން ކައުންސިލަށް އެނގި ތިބެ ކުރިޔަ ނުދޭނެއެވެ. އެކަން އެރަށުގެ ހުރިހާ ރައްޔިތުންނާއި ގެސްޓް ހައުސް ހިންގާ ފަރާތަތް ތަކަށް ވެސް އެނގޭނެއެވެ.

މަތިވެރީ ކައުންސިލްގެ ރައީސް އިސްމާޢީލް އާތިފް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ތެރެއިން އެރަށަށް ވަރަބޮޑު ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެބަދަލާއެކު ހިތާމަ ކުރަންޖެހޭ ކަންކަން ވެސް އަންނަނީ ފެންނަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން ނިވާކަން ކުޑަ ގޮތަކަށް ރަށުގައި އުޅުމަކީ ޤާނޫނާ ޚިލާފުކަމެއް. އެމީހުން ވެސް އެގޮތަށް އުޅެން ބޭނުންކަމަށްވާނަމަ އެކަމަށް ޚާއްސަ ކޮށްފައިވާ ސަރަޙައްދުގައި އުޅެންވީ. އެހެންނަމަވެސް މިހާރުވެސް ނިވާކަން ކުޑަހެދުން އަޅައިގެން ރަށުތެރެއަށް އެމީހުން އެބައާދޭ. ކެފޭތަކާއި ރެސްޓޯރެންޓް ތަކަށް އެބަވަދޭ. އެއީ ބަލައިގަނެވޭނެ ކަމެއްނޫން،" އާތިފް ވިދާޅުވިއެވެ. މިކަންކަމަށް ފަތުރުވެރިން އަހުލުވެރިކޮށް ހޭލުންތެރި ކުރުވުމަށް އެކަންކަމާ ބެހޭ ލިޔުންތައް އެކިދިމަދިމާގައި ބެހެއްޓުމަށް އެވިޔަފާރި ކުރާ މީހުންނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެރަށަށް އަންނަ ފަތުރުވެރިންނާ މަގުމަތިން ދިމާކޮށް އެމީހުން އުޅޭ ގެސްޓްހައުސްތަކުގެ ކައިރިއަށް ގޮސް ފޮށޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ތިލަވެފައެވެ. އެކަމާ ބެހޭ ގޮތުން އާތިފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގައިފައިވާ ކަމުގެ މަޢުލޫމާތެއް ކައުންސިލަށް ލިބިފައި ނުވާކަމަށެވެ. އެރަށުގެ ރައްޔިތުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ވެސް ޤަބޫލު ކުރައްވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ނިވާކަންކުޑަ ހެދުމުގައި އެމީހުން ރަށުތެރެއަށް ދިޔަނުދިނުމަށް ގެސްޓް ހައުސްތައް ހިނގާ ފަރާތްތަކަށް ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ގެސްޓް ހައުސްތައް ހިންގާ މީހުންނާ ބައްދަލުކޮށް އަޅުގަނޑުމެން ވާނީ ފަތުރުވެރިން އެގޮތަށް ރަށުތެރޭގައި އުޅުނަ ނުދިނުމަށް ދަންނަވާފައި. އެގޮތަށް އުޅެންޏާ އެކަމަށް ޚާއްސަ ސަރަޙައްދުގައި އުޅެންވީ. ފަތުރުވެރިންނޭ ކިޔާފައި ޤާނޫނާ ޚިލާފުކަމަކަށް ހުއްދައެއް ނުދެވޭނެ. އިސްލާމީ ވެލިއުސްތަކަށް ހުތުރުވާ ކަންކަމަށް އެއްގޮތަކަށް ވެސް ފުރުސަތެއް ނުދެވޭނެ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ނިވާކަންކުޑަ ހެދުމުގައި ރަށުތެރެއަށް ފަތުރުވެރިން އަރައި އުޅޭކަމަށްވާނަމަ އެއީ މަނާކަމެއްކަން އެމީހުންނަށް ހަނދާން ކޮށްދީ އެކަން ހުއްޓުވުމަށް ކައުންސިލުން ވާނީ ރައްޔިތުންނަށް ވެސް އިރުޝާދު ދެއްވާފައި ކަމަށެވެ.

ކަން މިހެން އޮތަސް އެރަށުގައި އެވިޔަފާރި ރަނގަޅުވެ ބައެއް ފަރާތްތަކުން ވަނީ އެވިޔަފާރި އިތުރަށް ފުޅާކުރުގެ ފުރުސަތު ދިނުމަށް ވެސް ކައުންސިލްގައި އެދިފައެވެ. އެގޮތަށް ހުއްދަ ދީފި ކަމަށްވާނަމަ މުޅިރަށުގެ ވަށައިގެން ހުންނާނީ ގެސްޓް ހައުސްތައް ކަމަށާއި އޭގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެހެން ކަމުން އެވިޔަފާރި ފުޅާކުރުމަށް އެދުނަސް އެކަން އެގޮތަށް ވެސް ކުރެވެންނެތް." އޭނާ ވިދާޅުވިއެވެ. މިހާރު ވެސް އެރަށުގައި 7 ގެސްޓް ހައުސްއެއް ހިންގައެވެ. 2 ގެސްޓް ހައުސް އެއް ދަނީ މަރާމާތު ކުރަމުންނެވެ. އިތުރު 2 ތަން އަލުން ހަދަމުން އެބަދެއެވެ.

ވިޔަފާރީގެ ފައިދާ ގުނަވެގެން ދިޔަސް އިސްލާމީ ވެލިއުސް ތަކާއި ޤާނޫނުތަކާއި އެރަށުގެ ރީތި އާދަކާތައް އެކަމަށް ޤުރުބާން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.