ހަކުރުބައްޔަށް ފަރުވާހޯދާ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ނެޝަނަލް ޑައިބެޓީސް ސެންޓަރއެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއްކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރާ މީހުންގެ ކެއުން ބަހައްޓާނެ ގޮތާއިމެދު ޑައިޓީޝަނުންގެ ލަފާ ހޯދޭނެ އިންތިޒާމުވެސް މި ސެންޓަރުގައި ހަމަޖައްސާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މި ސެންޓަރ ހުޅުވާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 3 ވަނަ ފަންގިފިލާގައެވެ.

ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓް އެ ސެންޓަރުން ހަމަޖެހިގެންދާނެކަމަށްވެސް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

އައިޖިއެމްއެޗްއިން ވިދާޅުވީ މުސްތަޤުބަލުގައި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއިބެހޭ މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި، ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނުޕްރޮގްރާމްތައް ހިންގުމުގެ އިތުރަށް މިކަމާއިބެހޭ ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.