ވިހެއުމާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލު ތަކުގެ ތެރޭގައި، ސަރުބީ އިތުރުވެ ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ގިނަ މައިނަށް ދިމާވާ މައްސަލަ އެކެވެ.

ވިހެއުމާ ގުޅިގެން އިތުރުވާ، ބަރުދަން ނުވަތަ ސަރުބީ ވިރުވާލަން ގިނަ މައިންނަށް އުނދަގޫ ވެސް ވެއެވެ.

ވިހެއުމަށްފަހު ބަރުދަން އިތުރުވަނީ ކީއްވެގެން ކަން ބަލާލަމާހިނގާށެވެ. މިއީ މީހާ ފަލަ ވުމުގެ އެންމެބޮޑު ސަބަބު ކަމުގައި ބެލެވެނީ، ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަ ބޮޑު ބަދަލެވެ.

އެގޮތުން ހަމަނިދި ނުލިބުމާއި، ކަންބޮޑުވުމާއި، ގަޑިން ގަޑިއަށް ނުކެވުމަކީ މައިމީހާގެ ބަރުދަން އިތުރުވެ ހަށިގަނޑުގެ ރީތިކަން ގެއްލުމުގެ މައިގަނޑު ސަބަބެވެ.

ދިރާސާ އަކުން ދައްކާފައިވާ ގޮތުގައި، ހަމަނިދި ނުލިބޭ އަންހެނުން ފަލަ ވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ރޭގަނޑު ފަސްގަޑި އިރު ހަމައަށް ނިދި ނުލިބޭ އަންހެނުން މިކަމުގެ ޝިކާރަ އަކަށްވެއެވެ. ވިހެއުމަށްފަހު މަންމަގެ ދިރިއުޅުމަށް އަންނަނީ ކުޑަ ބަދަލެއް ނޫނެވެ. ރޭގަނޑުގެ ގިނަ ވަގުތު، ކުޑަދަރިފުޅަށް ބުށް ދިނުމަށާއި، ނެޕީ ބަދަލު ކުރުމަށް، ނުވަތަ ކުއްޖާ ނުނިދާ އުޅޭނަމަ، މައިމީހާ އުޅެން ޖެހެނީ ނުނިދައެވެ. ނަތީޖާއަކަށް ވަނީ، މަންމަގެ ނިދި ގެއްލި ގިނަ ވަގުތު ހޭލާއުޅެން ޖެހުމެވެ.

ވިހެއުމާ ގުޅިގެން މަންމަގެ ހަށިގަނޑުގެ ރީތިކަން ގެއްލި ފަލަ ވުމުގެ އަނެއް ސަބަބެއް ކަމުގައި ބެލެވެނީ، ކަންބޮޑުވުން ނުވަތަ ސްޓްރެސްއެވެ. ކަންކަމާ މެދު ކަންބޮޑުވެ ހަދާނެ ގޮތް ހުސްވުމުން ގިނަ މީހުންނަށް ދެވެނީ ކާއެއްޗެއްސާ ދިމާއަށެވެ. އެހެން ކަމުން ކަންބޮޑުވުން ތަކުން އަރައިގަތުމަށް ބައެއް އަންހެނުން ގިނައިން ކައި އުޅެއެވެ. މީގެ ނަތީޖާއަކަށް ވަނީ ފަލަވުމެވެ. މީގެ އިތުރުން ހަށިގަނޑުގެ ތައިރޮއިޑް ހޯމޯން ދަށް ވުމަކީވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށް ބާރުއަޅާ ކަމެކެވެ.

ވިހެއުމަށް ފަހު، މައިމީހާ ފަލަ ވުމަކީ ތަފާތު އެކި ބަލިތައް ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި، ހަކުރު ބަލި، ލޭމައްޗަށް ދިޔުން، ހާޓްއެޓޭކް އަދި ކިޑްނީގެ ބަލިތައް ފަދަ ތަފާތު ބަލިތައް ޖެހެއެވެ. ވިހެއުމަށްފަހު މައިމީހާ ފަލަ ވުމަކީ، އެހެން ކުއްޖަކަށް ބަލިވެ އިންނައިރު، ލޭ މައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުން ފަދަ ކަންކަމަށް މަގު ފަހިކުރުވާ ކަމެކެވެ.

ވިހެއުމަށްފަހު ހަށިގަނޑު ހިއްކަން ބޭނުން ނަމަ، ބަރުދަން ލުއި ކުރުމުގެ މަސައްކަތް، ދަރިފުޅަށް ބަލިވެ އިންނަ ހިސާބުން ފަށަންޖެހެއެވެ. މިކަމަށް ތައްޔާރު ވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

އެގޮތުން މާބަނޑު ދުވަސްވަރު ކެއުމަށް ވަރަށް ބަލަންޖެހެއެވެ. ބައެއް މީހުން ބުނެ އުޅޭގޮތުގައި މާބަނޑު ވުމުން ދެމީހުންނަށް ވާވަރަށް ކާން ޖެހެއެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ.

މީގެ އިތުރުން، ވިހައިގެން ދިރި އުޅެން ޖެހިދާނެ ގޮތްތަކަށް ހޭނެން ޖެހެއެވެ. އަދި މާބަނޑު ދުވަސްވަރުވެސް ގަވާއިދުން ކަސްރަތު ކުރަން ޖެހެއެވެ.އަދި ވިހެއުމުގެ ކުރިން ވެސް، މިކަމާބެހޭގޮތުން ތިމާގެ އާއިލާއާއި ވާހަކަ ދައްކައި މަޝްވަރާ ކުރަން ޖެހެއެވެ.