ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތެވެ.
ހައިކޯޓުން ބުނީ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތީ ކްރިމިނަލް ކޯޓުން އަމުރު ނެރުނުތާ 48 ގަޑިއިރު ފަހުން މައްސަލަ ހުށަހެޅުމުން ކަމަށެވެ.
ނަމަވެސް ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރަން ދައުލަތަށް ހަތް ދުވަސް ލިބޭނެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދު ފުރުމުގެ ޒިންމާ ނަގައި ކަމާ ބެހޭ ލިޔުމުގައި ސޮއިކުރައްވާފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ސޮއިކުރެއްވި ލިޔުމުގައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
އަލީ ވަހީދު ފުރުވާލީ މި ސަރުކާރުން ރާވައިގެން ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ތުހުމަތު ކުރެއެވެ. ޚާއްސަކޮށް އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނު ހުންނަވާތީ އެމަނިކުފާނުގެ ބައިވެރިވުން އެކަމުގައި އޮތް ކަމަށް ވެސް ތުހުމަތު ކުރެއެވެ.