އިރުވައި މޫސުމްގެ ދޮންދޫނިތަކެއް ހެން އެމެރިކާ މަސްއޫލުވެރިން ސޫދާނަށް ހޯރައެޅުމުގެ ސިއްރަކީ ކޮބައި ބާވައެވެ؟ އެފްރިކާއާއި މެދުއިރުމަތީގެ ސްޓްރެޖިކް ހިސާބެއްގައި އޮންނަ ސޫދާނަކީ، މޮޅެތި މީހުން އުފައްދާގައިވާ ގައުމެކެވެ. އެކަމަކު އެއަށްވުރެން ބޮޑަށް ސޫދާން މަޝްހޫރުވެފައި ވަނީ ދެ ކަމަކުންނެވެ. އެއީ، ޑިކްޓޭޓަރުން ވެރިކަން ކުރުމާއި، ދެމެހެއްޓެނިވި، ހަމަޖެހޭ ޚާރިޖީ ސިޔާސަތެއް ނުގެން ގުޅުމުގައެވެ.

ސޫދާންގެ އަހުލީ ހަނގުރާމައަށް ފަހު، ދެކުނު ސޫދާން މިނިވަން ވުމުން ސޫދާނަށް ވަނީ ބިމުގެ ސަރަހައްދުގެ ތިން ބައިކުޅަ އެއްބައި ގެއްލިފައެވެ. އަދި ތެލުގެ އާމްދަނީގެ 70 އިންސައްތަ ގެއްލި ފައެވެ.

ސޫދާންގެ ޚަޒާނާ ހުސްވާ ކޮންމެ ހިނދެއްގައި ސޫދާނުން ގެންގުޅޭ އުސޫލަކީ، ޚާރިޖީ ސިޔާސަތު ކަންފަތިކޮށްލައި، އެވަގުތަކަށް ފައިދާ ހުރި ބަޔަކާ ގުޅުން ބަދަހިކޮށްލައި ރަހުމަތްތެރިޔާ ހަތުރަށް ހަދާލުމެވެ.

ސޫދާން މުހިންމު ވަނީ، ރެޑްސީ އަށާއި އަދަން ކަނޑު އޮޅިއަށާއި އެފްރިކާގެ ދަޅު، ހޯރން އޮފް އެފްރިކާއާއި ސާހިލްއަށް ވާ މުއްޔަށް ސޫދާން އޮތުމެވެ.

ޑިމޮކްރެޓިކް ސަރުކާރެއް ވައްޓާލުމަށް ފަހު ވެރިކަން ކުރި ޑިކްޓޭޓަރ އުމަރު ހަސަން އަލްބަޝީރުގެ ވެރިކަމުގައި ފުރަތަމައަށް ޒިޔާރަތް ކުރީ ތެހެރާނަށެވެ. އީރާންގެ ރައީސުންކަމަށްވާ ރަފްސަންޖާނީއައި އަހްމަދީ ނީޖާދާއި ޚާތަމީ، މިހުރިހައި ބޭފުޅުން ޚަރުތޫމަށް ރަސްމީ ޒިޔާރަތްތައް ކުރެއްވިއެވެ.

ޒަމާން ގަނޑެއްވަންދެން އީރާނުން ފައިދާތަކެއް ނެގުމަށްފަހު، އީރާނުގެ ސަގާފީ މަރުކަޒު ތަކާއި އެމްބަސީ ބަންދުކުރަން އަލްބަޝީރު ދިނީ އެންމެ 72 ގަޑިއިރެވެ. އެއަށްފަހު އީރާނުގެ މަދަދު ލިބިގެން ޔަމަންގައި ހަނގުރާމަ ކުރާ ޝީއީ ޙޫސީންނާ ދެކޮޅަށް ސައޫދީ އިމާރާތީ ކޮއެލިޝަންގައި ބައިވެރިވެ ޚަޒާނާއަށް ބޭނުންވި ތިން ބިލިއަން ޑޮލަރު ވަގުތުން ހޯދިއެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ސޫދާނުން އިޒްރޭލާ ގުޅުން ގާއިމް ކުރީވެސް ޗެކެއްގެ މުގާބިލުގައެވެ.

ސޫދާނުން ވަނީ ރަޝިޔާއާއެކު ޕޯޓް ސޫދާންގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ. (ޕޯޓް ސޫދާން ސަރަހައްދާއި ޕޯޓް ސޫދާނާއި އުންމުދަރުމާނާއި ޚަރުތޫމް ގުޅުވާ ހައިވޭ ތަކަކީ، ބިންލާދިން އޭނާގެ މަރުކަޒު ސޫދާންގައި ހަދައިގެން އުޅުނު ދުވަސްވަރު، އަލްގާއިދާ މީހުން ލައްވައި ބިންލާދިންގެ އަމިއްލަ ޚަރަދުގައި ހަދާފައިޥާ ތަންތަނެވެ. ފަހުން ބިންލާދިން އޭނާގެ ސާމާނާއި އާލާތާއި މީހުންނާއެކު ބޭރުވެގަތީ ތާލިބާންގެ އަފްޣާނިސްތާނަށެވެ.)

ހަފްތާއެއްގެ ތެރޭގައި އެމެރިކާއިން ވަނީ ޕޯޓް ސޫދާންގެ ބަނދަރަށް ދެ މަނަވަރު ރަޙްމަތްތެރިކަމުގެ ދަތުރެއްގައި ފޮނުވާފައެވެ. މަސްއޫލވެރިން ވިދާޅުވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވޭ ދަތުރުތަކެއް ކަމުގައެވެ. އެމެރިކާގެ އެމެބަސީގެ މަސްއޫލު ވެރިން ވަނީ ޕޯޓް ސޫދާން ސަރަހައްދުގައި އާންމު ރައްޔިތުންނާއި ސިވިލް ސޮސައިޓީ މެމްބަރުންނާ ބައްދަލުކޮށް ހަދާފައެވެ.

މިއީ، ސޫދާނުގެ ޑިމޮކްރެޓިކް ޓްރާންސިޝަންއަށް އެމެރިކާއަށް ތާއީދު ކުރާ ކަމުގެ ސާބިތު ހެއްކެއް ކަމަށްވެސް އެމެރިކާ މަސްއޫލު ވެރިން ވިދާޅުވެއެވެ.

އެމެރިކާއާއި ސޫދާނާ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް 26 ޖެނުއަރީގައި ވެސް ބާއްވާފައި ވެއެވެ. އަދި ސޫދާނަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްކަމަށް އެމެރިކާއިން ނިންމާފައިވާ ނިންމުންވެސް ޑިސެމްބަރުގެ ފަހުކޮޅު ގައި އުވާލާފައި ވެއެވެ.

ސޫދާންގެ މަސްރަހާ މެދު ކުރިމަގުގައި ބަލަމުން ދާން ޖެހޭނެ ކަންތައްތަކަކީ ސޫދާނާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ ޕޯޓް ސޫދާންގައި ރަޝިޔާގެ މިލިޓަރީ ބޭސް ގާއިމް ކުރުމުގެ އެއްބަސްވުން ކުރިއަށް ގެންދޭތޯ އެވެ؟ އަދި ވައްހާބީ ކޮއެލިޝަން ދޫކޮށް، ސޫދާނުން ޤަތަރާއި ތުރުކީގެ ކޮއެލިޝަނަށް ޖެހިލައި، ސައޫދީއާ ދެކޮޅަށް އީރާން ކޮޅަށް ބުރަވެދާނެ ތޯއެވެ؟ އެމެރިކާއިން ސޫދާނާއެކު ގާތްވަމުންދާ ގާތް ވުމުން ދިއުމުން ސޫދާނާއި އިތިއޮޕިއާއާ ދެމެދު ނީލަކޯރުގެ ފެން ހިއްސާ ކުރުމަށް އުފެދިފައިވާ ދެބަސްވުމުގައި ސޫދާނަށް ބުރަދަނެއް ލިބޭގޮތަށް އެމެރިކާ ސޫދާނަށް ތާއީދު ކޮށްފާނެ ބާވައެވެ؟ އިތިއޯޕިއާގެ ނީބެކްގެ ސުލްހައިގެ އިނާމް ޙާސިލުކޮށްފައިވާ މުސްލިމު ނަމެއް ކިޔާ، ކެތޮލިކް ރައީސް އާބޭ އަހްމަދުގެ އުޅުމާ ގުޅުމަށް ރައީސް ބައިޑެންގެ ސަރުކާރުން ނުރުހޭކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ. ފުރުސަތު އޮތީ ސޫދާނަށް ބާވައެވެ؟