ޕާކިސްތާނުގެ އާބާދީގެ %80 އަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ނުލިބޭ މައްސަލައަށް އަލިއަޅުވާލައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތަޣައްޔަރުވެފައިވާ ބޯފެނާ ގުޅުންހުރި ސިއްހީ މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

ސާފު ބޯފެން ކިލަނބު ވުމާއި ތަޣައްޔަރުވުމުގެ މައްސަލައަކީ، އަހަރަކު މަދުވެގެން 2.5 މިލިއަން ޕާކިސްތާނު މީހުން މަރުވާން ދިމާވާ ސަބަބެކެވެ.

އެއީ، ބޭރަށްހިންގުން ޖެހިގެންނާއި ފެނާ ގުޅުން ހުރި ބަލިތަކުން ކަމަށް މިނިސްޓްރީ އޮފް ވޯޓަރ ރިސޯސަސް އިން ހާމަކޮށްފައިވެއެވެ.

ޕާކިސްތާންގެ 29 ސިޓީއެއްގެ %61 ފެނަކީ ރައްކާތެރި ނޫން ފެނެއް ކަމެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބައެއް ސަރަހައްދުތަކުގެ ފެނަކީ، %100 ތަޣައްޔަރުވެފައިވާ ފެން ކަމަށް ބުނެފައި ވެއެވެ.

އިސްލާމްއާބާދު، ލާހޯރު، އަދި ކަރާޗީ ފަދަ ބޮޑެތި ސިޓީތަކަށް މި ކަމުން އަސަރުކޮށްފައިވެ އެވެ. އިސްލާމްއާބާދުގައި ފެނުގެ މަސްދަރުތަކުގެ %60-70 ގައި ހެވީ މެޓަލްސް އާއި ބެކްޓީރިއާ ހުރި ކަމަށް ބުނެފައި ވެއެވެ.

ކަރާޗީ އާއި ލާހޯރުގައި %95 އަށް ވުރެ ގިނަ ފެނުގެ ސާމްޕަލްތަކުން ނަޖިހާއި ބެކްޓީރިއާ އަށް ޕޮޒިޓިވްވެފައިވެއެވެ.

ފުޅި ފެނަކީ ވެސް ރައްކާތެރި ފެނެއް ނޫން ކަމަށާއި އޭގައި މައިކްރޯބިއަލް އަދި ކެމިކަލްގެ ތަޣައްޔަރު ކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

2022 ވަނަ އަހަރުގެ ފއންބޮޑުވުމުގެ ސަބަބުން މިމައްސަލަ އިތުރަށް ގޯސްވެފައި ވެއެވެ.

ރައްކާތެރި ނޫން ފެނުގެ ސަބަބުން ކުޑަކުދިންނަށް ކާނާ ލިބުން ދަތިވުމާއި އިންފެކްޝަންތައް ކުރިމަތިވާ ކަމަށް ޔުނިސެފުން ދަނީ އިންޒާރު ދެމުންނެވެ.

ސަރުކާރުން ވައުދުވި ނަމަވެސް ބޯފެނުގެ ސާފުކަން ކަށަވަރު ކުރުމަށް އެއްވެސް މާނަ ހުރި ފިޔަވަޅެއް އަޅާފައި ނުވާކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.