ދިއްލީއަށް މިއަދު ހޭލެވުނީ ކޮށި އަރާވަރަށް ދުންބޯވެފައިވާ މާހައުލަކަށެވެ. ވައިގެ ކޮލިޓީ ދަށްވެ 'ސީރިއަސް' ކެޓަގަރީއަށް ވެއްޓިފައި އޮތްކަމށް ސަރުކާރުން އިއުލާން ކުރިއެވެ.

ދިއްލީ ސަރުކާރުން ވަނީ ސްކޫލްތައް ބަންދުކޮށްފައެވެ. ފްލައިޓް ދަތުރުތައްވެސް ލަސްވުމާއި، ރައްޔިތުންނަށް ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހުނެވެ. މިކަންކަމުގެ އިންޑިއާއަށް ދިމާވަމުންދާ ތިމާވެށީގެ ސީރިއަސް ގޮންޖެހުންތައް ހާމަވެގެން ދެއެވެ.

2070 ވަނަ އަހަރުގެ ނިޔަލަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ސުމަކަށް ގެނައުމަށް އިންޑިއާއިން ވައުދުވި ނަމަވެސް، 2030 ވަނަ އަހަރުގެ މޫސުމީ އަމާޒުތައް ހާސިލްކުރުމަށް އެއް ޓްރިލިއަން ޑޮލަރުގެ ފަންޑިންގ ގެޕެއް އުޅޭ ކަމަށް ނިއުދިއްލީން ބުނެއެވެ.

އޭގެ ތެރޭގައި އެމިޝަންސް އިންޓެންސިޓީ %45 މަދުކުރުމާއި ނޮން ފޮސިލް ފިއުލް ޕަވަރ 500 ގިގަވޮޓަށް ފުޅާކުރުން ހިމެނެއެވެ.

މިކަން ހައްލުކުރުމަށްޓަކައި އިންޑިއާއިން ދަނީ ގްރީން ފައިނޭންސިންގެ ދާއިރާއިން ލިބެން ހުރި ފުރުސަތުތައް ބަލަމުންނެވެ. ދާދި ފަހުން އިންޑިއާއިން ވަނީ ސޮވަރިން ގްރީން ބޮންޑް މެދުވެރިކޮށް ދެ ބިލިއަން ޑޮލަރު ހޯދާފައެވެ. ނަމަވެސް މިހާރު ލިބިފައިވާ ފައިސާގެ މިންވަރު ހުރީ އަހަރަކު ބޭނުންވާ 100 ބިލިއަން ޑޮލަރަށް ވުރެ މާ ދަށް މިންވަރެއްގައެވެ.

ބޯ ދުމުގެ ކާރިސާގެ ސަބަބުން ހަލުވި އިގްތިސާދީ ކުރިއެރުމާއި ތިމާވެށީގެ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ބެލެންސް ކުރުމަށް އިންޑިއާއަށް ދިމާވާ ދަތިކަން ހާމަވެގެންދެއެވެ.

އިންޑިއާއިން ގްރީން ޓްރާންސިޝަނަށް ފައިސާ ހޯދުމަށް ގްލޯބަލް އިންވެސްޓްމަންޓް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކޮޕް24ގައި އިންޑިއާއިން ބޮޑު ވަޒީރުގެ ފެންވަރުގައި ބައިވެރިވެފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ.