ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް-19 ވެކްސިން، އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފިއެވެ.
މިއީ، ކޮވިޑް ބައްޔާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް އެފްޑީއޭއިން ހުއްދަދިން 3 ވަނަ ވެކްސިނެވެ.
މީގެކުރިން، އެފްޑީއޭއިންވަނީ ފައިޒަރ އަދި މޮޑަނާގެ ވެކްސިންވެސް އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް މިހާރު ދެމުންގެންދަނީވެސް އެދެ ވެކްސިނެވެ.
ވަގުތީ ހުއްދަ ދިނުމާ ގުޅޭގޮތުން އެފްޑީއޭގެ އެކްޓިންގ ޑިރެކްޓަރ ޖެނެޓް ވުޑްކޮކް ވިދާޅުވީ، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ދެވުނު ހުއްދައާއެކު، އެމެރިކާގައި ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން ލިބޭނޭ މަގު ފަހިވެގެންދާނެ ކަމަށާއި، ކޮވިޑު ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ސިއްހީ ރައްކާތެރިކަމަކީ ވެކްސިން ކަމަށެވެ.
ކޮވިޑާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވެދޭނެ ހަތިޔާރަކީ ވެކްސިން ކަމަށްވެސް ޖެނެޓް ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ އެމެރިކާގައެވެ. އެގައުމުން މިބަލީގައި މިހާތަނަށް 500،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.
ޖޯންސަން އެންޑް ޖޯންސަން ވެކްސިންއަކީ އެންމެ ޑޯޒެއް ޖަހަންޖެހޭ ވެކްސިނެކެވެ.
އިމަޖެންސީ ބޭނުމަށް މި ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެކުރިން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ކޮވިޑް ޖެހުނަސް ބަލީގެ ހާލަތު ގޯސްވުން ވަރަށް ބޮޑަށް ކުޑަކޮށްދޭ، އަދި އަލަށް ފެންނަމުންދާ ވޭރިއެންޓްތަކުންވެސް ދިފާއުކޮށްދޭ ވެކްސިނެއް ކަމަށެވެ.
މިވެކްސިން އުމުރުން 18 އަހަރުން މަތީގެ އެންމެނަށް ދެވިދާނެ ކަމަށްވެސް އެފްޑީއޭއިން ބުނެފައި ވެއެވެ.
އެފްޑީއޭއިން ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނަށް އިމަޖެންސީ ހުއްދަ މިދިނީ، އެ އިދާރާގެ ދަށުގައި އޮންނަ ސިއްހީ ޚާއްސަ ތަޖުރިބާކާރުންގެ އިންޑިޕެންޑެންޓް ޕެނަލުން އެ ވެކްސިން ދިނުމަށް ރެކޮމެންޑް ކުރުމާ ގުޅިގެންނެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްއަށް ބަލާއިރު، އެމެރިކާގައި ހެދި ޓެސްޓްތަކުން އެ ވެކްސިން ކޮވިޑްބަލި ހާލުބޮޑުވުމުން %85.9 ދުރުކޮށްދޭކަމަށް ދައްކާފައި ވެއެވެ. ސައުތު އެފްރިކާ ޓެސްޓްތަކުން %81.7 އިފެކްޓިވްކަމަށް ދައްކާފައި ވެއެވެ. އަދި ބްރެޒިލް ޓެސްޓްތަކުން %87.6 އިފެކްޓިވް ކަމަށް ދައްކާފައި ވެއެވެ.