އައްޑޫ ސިޓީގައި އަދިވެސް ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. ފެބުރުއަރީ 28 ވަނަ ދުވަހު ވެސް ހުޅުދޫ/މީދޫން އިން ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ.

އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ އިތުރު ދެމީހަކު އަލަށް ޕޮޒިޓިވް ވުމަކީ ޙާލަތު ރަނގަޅުނޫންކަން އެނގޭ ކަމެއް ކަމަށެވެ. "އައްޑޫ ސިޓީގެ ޙާލަތު ސްޓޭބަލް އެއް ނޫން. މިއަދު (28 ފެބުރުއަރީ) ވެސް ދެ މީހަކު ޕޮޒިޓިވްވި،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ބަލިމަޑު ކަމެއް ފެތުރުނަ ނުދިނުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި މަދަދު އިންތިހާއަށް ބޭނުންވާ ކަމަށެވެ. އެގޮތުން ކޮންމެހެން ބޭރަށްދާންޖެހިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމާއި، ބޭރަށްދާނަމަ މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ސޯބެ ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 35 މީހުންނެވެ. އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 3 މީހުންނެވެ. އެ އަދަދާއެކު އައްޑޫއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 56 އަށް އަރައިފައެވެ.