ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް އައައްޑޫސިޓީގެ ހުރިހާ އަވަށެއް ކަނޑު އަޑީގެ މަގަކުން (ޓަނަލް) އަކުން ގުޅާލުމަކީ ކުރެވޭ ވަރަށްބޮޑު އުންމީދެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ފަސޭހަކޮށް ދަތުރު ކުރެވޭ މަގުތަކާއި ބުރިޖު އަދި ސަބްމާޖު ކޮރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށްތަކާ ގުޅުވުމަކީ އަހަރެމެން އައްޑޫ މީހުންގެ ވިސްނުން،" ކަމަށެވެ.
އޭގެ އިތުރުން ބާރަށްދުވާ ފެރިތަކާއި ފެންވަރު ރަނގަޅު ބަސްތަކާއި މޮނޯރެއިން ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓު ނެޓުވޯކަކުން "އިރާދަ ކުރެއްވިއްޔާ އައްޑޫގެ ހުރިހާ އަވަށެއް ގުޅައިލެވޭނެ،" ކަމަށް ވެސް ސޯބެ ވިދާޅުވެފައި ވެއެވެ.
މިކަމާ ގުޅިގެން ސޯބެއާ ސުވާލު ކުރުމުން ވިދާޅުވީ އެއީ އޭނާއާއި އައްޑޫ ރައްޔިތުން ދުރު މުސްތަގުބަލަށް ކުރައްވާ އުންމީދެއް ކަމަށެވެ. މިފަދަ ކަންކަން ކުރުމުގެ ޒަމާނީ ޓެކްނޮލޮޖީ ދުނީޔޭގައި އެބަހުރި ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. ކޮންމެހެން ކަނޑަށް ތަނބުޖަހައިގެން އެކަން ނުކުރިޔަސް ފުލޯޓިން ބްރިޖު ހެދުމުގެ ގާބިލްކަން ވެސް ދުނިޔެ މިހާރުވަނީ ހޯދައިފައެވެ. އައްޑޫއަކީ ނާޒުކު ތިމާވެއްޓެއް އޮތް ސިޓީއެކެވެ. އެހެން ކަމުން އައްޑުއަށް އެންމެ ރަނގަޅުވާނީ މިފަދަ ފޮލޯޓި ބްރިޖެކެވެ.