ކޮވިޑް-19ގެ ސަބަބުން ޢާއްމު ޚިދުމަތްދޭ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ ތިން ވަނަ މަރުހަލާގައި ޖޫރިމާނާ ކުރުމުގެ ބަދަލުގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާޞިރު ވިދާޅުވީ އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ފުރަތަމަ އެޗްޕީޢޭގެ އުޞޫލާ ޚިލާފަތް ޚިދުމަތްދޭ ތަންތަނަށް އުޞޫލާ އެއްގޮތަށް ޚިދުމަތް ދިނުމަށް ނަސޭހަތް ދެމުން އަންނާނެކަމަށެވެ. އަދި ނަސޭހަތް ދިނުމަށްފަހު ރަނގަޅުނުކުރުމުގެ ސަބަބުން ފިޔަވަޅު އަޅާނެކަމަށް އަންގާ އިންޒާރު ދެމުން އަންނަކަމަށެވެ. އެއަށްފަހު ޖޫރިމަނާ ކުރާކަން ނާޞިރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ގެނައި ބަދަލާއެކު ޖުރިމާނާ ކުރުމުގެ ބަދަލުގައި އުޞޫލާ ޚިލާފަށް ޚިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާކަމަށާ، ކުރިއަށްއޮތް ތަނުގައި އުޞޫލާ ޚިލާފުވާ ތަންތައް ބަންދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތައްވެސް މާސްކް ނާނަމަ އެމީހަކުވެސް ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.