ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން ސްރީލަންކާއަށް މި ދިޔަ ހަފްތާގައި ކުރެއްވި ދެ ދުވަހުގެ ދަތުރަކީ ސްޓްރެޓެޖިކް ގުޅުން ބަދަހި ކުރުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

ޚާންގެ ދަތުރުފުޅުގައި ސްރީލަންކާއަށް ހުށަހަޅުއްވާފައި ވަނީ ވިޔަފާރީގެ ފުރުސަތުތަކަކެވެ. އޭގެ ތެރޭގައި، ޕާކިސްތާންގައި ޗައިނާއިން އިންވެސްޓް ކޮށްފައިވާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގައި އިންވެސްޓް ކުރުމަށް ފުރުސަތު ދިނުން ހިމެނެއެވެ. އަދި ޕާކިސްތާންގެ އަސްކަރީ ސާމާނުތައް ސްރީލަންކާއަށް ވިއްކުން ހިމެނެއެވެ. އަދި ދެ ގައުމުގެ ދެމެދު އިތުރަށް ދަތުރުތަކުން ގުޅުވާލުމާއި، ފަތުރުވެރިކަމުގެ ގުޅުން ބަދަހި ކުރުމަކީވެސް މީގެ މަގްސަދެކެވެ.

ކޮޅުނބުގައި ހުންނަ ޕާކިސްތާންގެ ހައިކޮމިޝަންގެ އިސްފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުގެ މަގްސަދަކީ، ޕާކިސްތާން އޮތީ އެކަހެރިވެފައި ނޫން ކަން ދެއްކުމުގެ ގޮތުން ކޮށްފައިވާ ދަތުރެއް ކަމަށެވެ. އަދި މިއިން ދައްކައި ދޭން ބޭނުންވީ ޕާކިސްތާނަކީ ސަރަހައްދީ ގުޅުމުގައި އަދިވެސް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމުގައެވެ.

ޕާކިސްތާނާއި ސްރީލަންކާއިން ގާތް ގުޅުމެއް ބަދަހިކޮށްފައިވަނީ ރާޖަޕަކްސަގެ ވެރިކަމުގައި، ތަމަޅަ ޓައިގަރުން ބަލިކޮށްލުމުގެ ގޮތުން ޕާކިސްތާނުން ލަންކާއަށް ހަނގުރާމައިގެ ފަހުކޮޅު ވެދިން އެހީތެރިކަމުންނެވެ. މި އަސްކަރީ ގުޅުމާއެކު ޕާކިސްތާނުން އަރަބި ކަނޑުގައި ބޭއްވި އަމާން 21 އަސްކަރީ ތަމްރީން ގައި ލަންކާއިން ބައިވެރިވެފައި ވެއެވެ.

އިމްރާން ޚާންގެ ދަތުރުފުޅު ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއިން އައު ކަމެއް ހަމަޖެހިގެން ގޮސްފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ސިފަކޮށްފައި ވަނީ ޚާން މަސައްކަތް ކުރައްވާފައިވަނީ ޗައިނާގެ ސޭލްމަނެއްގެ ގޮތުގައެވެ.

ޗައިނާއިން ޕާކިސްތާންގައި އިންވެސްޓްކޮށްފައިވާ ސީޕެކް ކޮރިޑޯއަކީ ޗައިނާގެ އިންވެސްޓްމެންޓެކެވެ. ޚާން ހުށަހަޅުއްވާފައި ވަނީ ސްރީލަންކާއިން ސީޕެކްގެ މަޝްރޫއުތަކުގައި އިންވެސްކުރުމަށް ފުރުސަތު އޮތް ކަމަށެވެ.

މީގެ އިތުރުން ޚާން ވަނީ 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްވެސް އަސްކަރީ ސާމާނު ގަތުމަށް ލަންކާއަށް ހުށަހަޅާފައެވެ. މިކަމާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފައިވާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނުން އުފައްދާފައިވާ އަސްކަރީ ސާމާނު ތަކަކީ ޗައިނާއާ ގުޅިގެން އުފައްދާފައިވާ ސާމާނުތަކެވެ. އަދި މިތަކެތި ޕާކިސްތާނުން ގަތުމަށް ވުރެން ސީދާ ޗައިނާއިން ގަތުން ސްރީލަންކާއަށް މާފައިދާ ބޮޑު ވާނެ ކަމަށެވެ.

ޕާކިސްތާން މުހައްލިލުން ދެކޭ ގޮތުގައި ޚާންގެ މި ދަތުރުފުޅުގައި މަސައްކަތް ކުރައްވާފައި ވަނީ ސާކްގެ ތެރޭން ޕާކިސްތާން އެކަހެރި ކުރުމަށް ވާދަވެރި އިންޑިއާއިން ކުރަމުންދާ މަސައްކަތުން ބޭރުވެގަތުމަށެވެ. އަދި މި ފިޔަވަޅުތައް ކާމިޔާބު ނުވާކަން މިއިން ދައްކަން ބޭނުންވާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ޑޯން ނޫހުން ސިފަ ކުރިގޮތުގައި ޚާންގެ ދަތުރުފުޅަކީ، ސްޕޯޓްސް ޑިޕްލޮމެސީގެ ބައެކެވެ. ޚާން ވަނީ މިދަތުފުޅުގައި ކުޅިވަރު ތަރައްގީ ކުރުމަށް 52 މިލިއަން ޕާކިސްތާނީ ރުޕީސް ކަނޑައަޅުއްވާފައެވެ. ސްރީލަންކާގެ ކުޅިވަރުގެ ދާއިރާގެ ފަރާތްތަކާ ވާހަކަ ދައްކަވަމުން ޚާން ވިދާޅުވެފައި ވަނީ ސްރީލަންކާގައި އިމްރާން ޚާން ހައިޕަރފޮމަންސް ސްޕޯޓްސް ސެންޓަރ އެއް ކޮލޮމްބޯގައި ބިނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޚާންގެ ދަތުފުޅު ޚުލާސާ ކޮށްދެއްވަމުން ޚާރިޖީ ވޒީރު މަޙްމޫދު ޤުރެއިޝީ ވިދާޅުވީ މިއީ ސަރަހައްދީ ސިޔާސީ ކަންކަމުން ސަރަހައްދީ އިގްތިސާދީ ތަރައްގީއަށް އިސްކަން ދިނުމަށް ކުރެއްވި މަސައްކަތެއް ކަމުގައެވެ.