މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ތުރުކީގެ އިސްތަމްބޯލްއިން ޕާކިސްތާންގެ ކަރާޗީއަށް ރޭލް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ. މުދާ އުފުލުމަށް ޚާއްސަކޮށްފައިވާ މި ރޭލް ޕާކިސްތާނަށް ދަތުރުކުރާނީ އީރާންގެ ޒަހީދާންގައި މަޑުކޮށްފައެވެ.

މި ރޭލުގައި ތުރުކީއާއި އީރާނާއި ޕާކިސްތާންގެ ތިން ގައުމުގެ މުދާ އުފުލުމަށް ހަމަޖެހިފައި ވެއެވެ.

މި ރޭލަކީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ދަތުރު ފެށި ރޭލެކެވެ. ނަމަވެސް ތަފާތު މައްސަލަތަކާ ހެދި ވަގުތީ ގޮތުން މަޑު ޖައްސާލާފައި އޮތީއެވެ. މި ރޭލުން އެއްކޮޅަށް ދަތުރެއް ފުރިހަމަ ކުރާނީ 12 ދުވަސް ތެރޭގައެވެ. އަދި ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހު މި ރޭލު އޭގެ ދަތުރަށް ފަށާނެއެވެ.

ތުރުކީ، ޕާކިސްތާންގެ ރޭލްގެ ޚިދުމަތް ފެށިއިރު ޕާކިސްތާނުން ވަނީ މިދިޔަ މަހު ޕާކިސްތާން އަފްޣާނިސްތާން ރޭލްގެ ޚިދުމަތް ފަށާފައެވެ. 1965 ގެ އެއްބަސްވުމެއްގެ ދަށުން ފަށާފައިވާ ރޭލު ޚިދުމަތުގައި ހިމެނެނީ މުދާ އުފުލުމެވެ. މިއީ ޕާކިސްތާންގެ ކަރާޗީން ޗަމަން މެދުވެރިކޮށް އަފްޣާނިސްތާންގެ އަޒާކެލްއަށް އޮންނަ ދަތުރުކެވެ. ޕާކިސްތާނުން ބުނެފައި ވަނީ ފަހުން މި ކޮންޓެއިނާ ރޭލް ކަރާޗީން ޖަލާލްއާބާދަށާއި ސްޕިން ބޯލްޑާކަށް ވެސް ގެންދެވޭނެ ކަމަށެވެ.