އެމެޒޯން އަމިއްލަ ބްރޭންޑްގެ މުދަލަށް އިސްކަންދޭކަމަށް ބުނެ އަންނަ އަހަރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރަސްމީ ތަޙުޤީޤަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރިޕޯޓުކޮށްފިއެވެ.

މި ތަޙުޤީޤު ހިންގޭނީ ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ ދަށުންނެވެ. މިއީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށްގެން ހަމަހަމަ ވާދަވެރިކަން ޔަޤީންކުރުމަށް ހެދިފައިވާ ޤާނޫނެކެވެ. މި ޤާނޫނާ ޚިލާފުވެފައިވާކަމަށް ސާބިތުވެއްޖެނަމަ، އެމެޒޯންގެ މުޅި ދުނިޔޭގެ އަހަރީ އާމްދަނީގެ 10 އިންސައްތައާ ހަމައިގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ތަޙުޤީޤު ފެށުމުގެ ފައިނަލް ނިންމުން އޮތީ އަންނަ މަހު މަޤާމާ ޙަވާލުވާނެ ޔޫރަޕިއަން ޔޫނިއަންގެ އެންޓި-ޓްރަސްޓް ވެރިޔާ ޓެރޭސާ ރިބޭރާގެ އަތްމަތީގައެވެ. އޭނާ މި މަޤާމާ ޙަވާލުވާނީ މާގްރެތެ ވެސްޓަގަރގެ ބަދަލުގައެވެ.

އެމެޒޯނުން ބުނެފައިވަނީ އެ ކުންފުނިން ޑީއެމްއޭއާ އެއްގޮތަށް ޢަމަލުކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުދާ ދަރަޖަކުރާ ނިޒާމުން ހުރިހާ ވިއްކާ ފަރާތްތަކަށްވެސް، އެއީ ތިންވަނަ ފަރާތެއް ނުވަތަ އެމެޒޯންގެ އަމިއްލަ މުދަލެއް ވިޔަސް، ހަމަހަމަކޮށް ޢަމަލުކުރާކަމަށް ބުނެފައިވެއެވެ. އަދި ޑީއެމްއޭގެ ދަށުން އެ ކުންފުނީގެ ދެ ޚިދުމަތެއް މުހިންމު ބިޒްނަސް-ކޮންސިއުމާރ ގޭޓްވޭއެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ޔޫރަޕިއަން ކޮމިޝަނާއެކު އެއްބާރުލުން ދެމުންދާކަމަށްވެސް ބުނެފައިވެއެވެ.

މާރޗް މަހުން ފެށިގެން އެމެޒޯންގެ ޢަމަލުތަކާ ގުޅޭ މަޢުލޫމާތު އެއްކުރަމުންދާ ޔޫރޮޕިއަން ކޮމިޝަނުން މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ދޭން އިންކާރުކޮށްފައިވެއެވެ.

އެޕަލް، ގޫގުލް އަދި މެޓާ ފަދަ އެހެން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުންވެސް ޑީއެމްއޭއާ ޚިލާފުވެފައިވޭތޯ އީޔޫއިން ދަނީ ބަލަމުންނެވެ. ރިބޭރާ މި ތަޙުޤީޤުތަށް ބަލަހައްޓަން ވަނީ ނިންމާފައިއެވެ. އަދި އަންނަ މަސްތަކުގެ ތެރޭގައި މިކަމާ ގުޅޭ ނިންމުންތައް ނިންމާނެކަމަށް ބެލެވެއެވެ.