އިންޑިއާގައި ވެކްސިން ދިނުމުގެ ދެވަނަ ބުރު މިއަދު ފެށުމާއެކު ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ ވެކްސިން ޖައްސަވާފައެވެ. އޯލްއިންޑިއާ އިންސްޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި މޮދީ ޖައްސަވާފައި ވަނީ އިންޑިއާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކްއިން އުފައްދާފައިވާ ކޯވެކްސިން އެވެ.

މޮދީ ވަނީ އެންމެން ވެސް ވެކްސިން ޖަހައިގެން އިންޑިއާއަކީ ކޮވިޑް ފްރީ ތަނަކަށް ހެދުމަށް ގޮވާލައްވާފައެވެ.

އިންޑިއާގައި ވެކްސިން ޖެހުމުގެ ދެވަނަ ބުރު ފަށާފައިވާއިރު މިއަދު ޖަހަމުންދާނީ އުމުރުން 60 އަހަރުން މަތީގެމީހުންނާއި އުމުރުން 45 އަހަރުން ފެށިގެން މަތީގެ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ.

ވެކްސިންއަށް ޚާއްސަ އެޕެއް (ކޯވިން) އިންޑިއާއިން ވަނީ ތައްޔާރުކޮށްފައެވެ. މީގައި ވެކްސިން އެންމެ ގާތުން ލިބެން ހުންނަ މަރުކަޒު އެނގޭނެއެވެ. އަދި ވެކްސިން ޖެހުމަށް ދިއުމުގެ ކުރިން ބޭނުންވާ ޑޮކިއުމެންޓްތައް ވެސް މިއަށް އަޕްލޯޑް ކުރަން ޖެހެއެވެ.

ސަރުކާރު ހަސްފަތާލު ތަކުން ވެކްސިން ޖަހައި ދެނީ ހިލެއެވެ. އަދި އަމިއްލަ ތަންތަނުން 250 ރުޕީސް އަށް ވެކްސިން ޖެހެއެވެ.