ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މައިޕާޓީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރުން މަގާމުން ވަކި ކުރައްވަމުން ގެންދިއުމަކީ އެ ޕާޓީތަކަށް ދެއްވާ ވަރަގަދަ މެސެޖެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެގޮތަށް ވަކި ކުރައްވަނީ ވަކި މިނިސްޓަރަކަށް ވީމާއި ނޫން ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ކުލައަށް ބައްލަވައިފައި ކަމަށް ވެދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"ކޯލިޝަންގެ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ވަކިކުރަމުން ދިއުމަކީ އެހެން ޕާޓީތަކަށް ދެވޭ ވަރަށް ވަރުގަދަ މެސެޖެއް. އެއީ ވަކި މިނިސްޓަރެއް ވެގެން ނޫން. ލައިފައި ހުންނެވި ކޯޓުގެ ކުލަ ވެދާނެ ދެއްތޯ މައްސަލަ އަކީ. ވާގޮތް ސާފުކޮށް އެނގޭ ނޫންތޯ. މިއި ކަން އޮންނަ ގޮތް،" ސައުދު ވިދާޅުވެފައި ވެއެވެ.

ސައުދު މިހެން ވިދާޅުވީ ސީދާ ކީއްވެ ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރަކަށް ކުރިން އިންނެވި އާތިފާ ޝަކޫރާއި، އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރަކަށް އިންނެވި ޝިދާތާ ޝަރީފާއި، ޖޭޕީގެ ސްލޮޓް ތަކުގައި ތިއްބެވި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޢަލީ ވަޙީދުގެ މަގާމް ވެސް ވަނީ ގެއްލިފައެވެ. އޭގެ ބަދަލުގައި އެމަގާމުތައް ދެއްވާފައިވަނީ އެމްޑީޕީގެ ބޭފުޅުންނަށެވެ.