ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރ ވިދާޅުވެއްޖެއެވެ. އެހެން ނަމަވެސް އެ މުއްދަތުގައި އިތުރު މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 91 މީހުންނެވެ. އެއީ ހިތަދޫއިން ޕޮޒިޓިވްވި 22 މީހުންނާއި، މީދޫ އިން ޕޮޒިޓިވްވި 13 މީހަކާއި، އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި 35 މީހުންނާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި 4 މީހަކާއި، ފެދޫއިން ޕޮޒިޓިވްވި 17 މީހުންނެވެ.

މިބަލި ޖެހުނު މީހުންގެ ތެރެއިން މިހާރުވަނީ މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ވަނީ 57 މީހަކު ބަލިން ފަސޭހަވެފައެވެ. މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލައަކީ 34 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ މީހުން އަދަދަކީ 4 އެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އައްޑޫ ސިޓީން ވަނީ 63 ސާމްޕަލެއއް ނަގައިފައެވެ. އެ ސިޓީން މިހާތަނަށް ވަނީ ޖުމްލަ 3274 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެވެ. އެސިޓީން ގާތުން އެއްތާވި މީހުންގެ އަދަދު މިހާރުވަނީ 472 އަށް އަރައިފައެވެ. ކޮވިޑާ ގުޅިގެން ކަރަންޓީން ކުރެވިފައިވާ ތަންތަނުގެ އަދަދަކީ 201 އެވެ.