ވ. ރަކީދޫގައި ގާއިމްކުރެވުނު ސޯލާ ޕްރޮޖެކްޓަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަމިއްލަ ޚަރަދުގައި ހިންގި މަޝްރޫޢެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑުކޮށްގެން 2016 ވަނަ އަހަރު ފެށި މަޝްރޫޢެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޅުކުރެވުނު ޚިޔާލުތަކަށް ރައްދު ދެއްވަމުން ފަހުމީ ވިދާޅުވީ، މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ ސްޓެލްކޯއިން އަމިއްލައަށް ފަންޑުކޮށްގެން ހިންގާ އައު މަޝްރޫޢެއް ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން އޭޑީބީގެ ފަންޑިންގއާއެކު ހިންގި މަޝްރޫޢު ވަނީ ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސް، ނައްތާލެވިފައި ކަމަށެވެ. އަދި މިހާރުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ލީޑަރޝިޕްގެ ދަށުން ކުރިއަށްގެންދެވޭ މުޅިން އައު މަސައްކަތެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ރަކީދޫގައި މިހާރު ގާއިމްކުރެވިފައިވާ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމްގެ ސަބަބުން، ރަށަށް 24 ގަޑިއިރު ކަރަންޓު ލިބެމުންދަނީ ސޯލާ ޕެނަލްތަކާއި ބެޓެރީ ސްޓޯރޭޖް ބޭނުންކޮށްގެންނެވެ. މި ނިޒާމުގެ ސަބަބުން ޖަނަރޭޓަރު ހިންގަން ޖެހެނީ ދުވާލަކު އެންމެ 2 ގަޑިއުރު ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަށް ފަހުމީ ޝުކުރު އަދާކުރެއްވިއެވެ.