ވޭތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލްތަކާއެކު 280 އަށްވުރެ ގިނަ ބައްދަލުވުން ބާއްވާ ކަންބޮޑުވުންތައް އަޑު އަހައިފާވަކަމަށް ސިޓީ، ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވަރކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާއި އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެއްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ އަހަރު ތެރޭގައި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިނިސްޓްރީން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުންތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކައުންސިލްތަކުގެ ހާލަތު ދެނެގަތުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލް އިމާރާތްތައް އަޅަން ފެށުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އާދަމް ޝަރީފް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއެކު ވިލަރެސްކުރުން ހަރުދަނާކުރުމަށްޓަކައި އައު ކްލަސްޓަރ ނިޒާމެއް ޤާއިމްކޮށްފައިވެއެވެ. މި ނިޒާމުގެ ދަށުން ރާއްޖެ ބަހާލެވިފައިވަނީ 7 ސަރަޙައްދަކަށެވެ. އަދި ކޮންމެ ސަރަޙައްދެއްގައި މިނިސްޓްރީގެ އެގްޒެކެޓިވްއަކާއި ކޯޑިނޭޓަރެއް ހުންނާނެ ކަމަށާއި މި ނިޒާމުގެ ސަބަބުން އަތޮޅުތަކުގައި ހުރި ކައުންސިލްތަކާއި މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ފަށާފައިވާ މި މަސައްކަތު ބައްދަލުވުމުގެ އަމާޒަކީ ކުރިއަށް އޮތް އަހަރު މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލުމެވެ. މީގެ އިތުރުން، މުވައްޒަފުންނަށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ޚިޔާލު ބަދަލުކޮށް، އަދި މިނިސްޓްރީގެ މަސައްކަތްތަކާއި ގަވާއިދުތައް އިތުރަށް ރަނގަޅުކުރުމަށް ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު މި ބައްދަލުވުމުން ލިބިގެންދާނެއެވެ.