ކ. ހިންމަފުށީގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަލަށް ގާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ބޭނުން ކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި އައު ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައެވެ. މި އައު ވިއުގައާއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މީގެ އިތުރުން، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވި، ކަސްޓަމަރުންނަށް ޚިދުމަތް ލިބިދިނުމަށް ކުރަންޖެހޭ ހޭދަ އެތައްގުނައަކުން ކުޑަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

މި އައު ނިޒާމާއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަނެއް ގާއިމު ކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ. އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

މި އައު ވިއުގައިގެ ސަބަބުން ހިންމަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.