އިންޑިއާއާއި ޕާކިސްތާނުގެ ސިފައިން ވަނީ ދެ ގައުމުގެ ސަރަހައްދު ކޮންޓްރޯލް ކުރާ ރޮނގުގައި ހަމަލާތައް ބަދަލު ނުކުރުމަށް އެއްބަސްވެފައެވެ. މިއީ ދެ ގައުމުގެ ދެމެދު ވަޅޯވެފައިވާ ގުޅުމަށާއި ސަރަހައްދީ ގުޅުމަށް ހެޔޮފާލައެއް ކަމުގައި ބެލެވެއެވެ.

ދެ ގައުމުން މިފަދައިން އެއްބަސްވެފައި ވަނ ދެ ގައުމުގެ ސިފައިންގެ ޑިރެކްޓަރ ޖެނެރަލުން ހޮޓްލައިން މެދުވެރިކޮށް މަޝްވަރާ ކުރުމަށްފަހއެވެ.

އިންޑިއާ ޕާކިސްތާނުގެ ލައިން އޮފް ކޮންޓްރޯލް، އަކީ ކަޝްމީރުގައި ދެފަރާތުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ފާހަގަ ޖެހިފައި ނުވާ ސަރަހައްދެވެ. ޓެރަރިސްޓުން ސަރަހައްދު ހުރަސްކޮށް ހަމަލާ ދޭ ކަމުގެ ޝަކުވާ އިންޑިއާއިން ތާއަބަދު ކުރެއެވެ. ޕާކިސްތާނުން މިމީހުންނަށް ވާގިވެރި ނުވާ ކަމަށް ބުނެއެވެ.

2019 ވަނަ އަހަރު ދީފައިވާ ބާލާކޮޓް ވައިގެ ހަމަލާގެ އަހަރީ ދުވަސް މިދިޔަ މަހު 26 ގައި ދިމާވިއިރު، ކަޝްމީރުގައި ޓެރަރިސްޓް ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑުތަން މަދުވެގެން ގޮސްފައެވެ. އަދި ދެ ގައުމުން ހަމަނުޖެހުން ކުޑަ ކުރަން އެއްބަސްވެފައި ވަނީވެސް މި މުނާސަބާއާ ދިމާކޮށެވެ.

އިންޑިއާއާއި ޕާކިސްތާނުން ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ހަމަލަ ނުދިނުމަށް އެއްބަސްވެފައި ވަނީ 2003 ގައެވެ. އެހެންނަމަވެސް ދޭތެރޭން ދެ ފަރާތުން ހަމަލާތައް ބަދަލުކޮށް ރައްދު ހަމަލަތައް ދީފައި ވެއެވެ. އަދި މަދުނޫން އަދަދަކަށް މަދަނީންނާއި ސިފައިންގެ ފުރާނަވެސް މި ހަމަލާތަކުގައި ދެފަރާތުން ގެއްލިފައި ވެއެވެ.

2020ގައި އިންޑިއާއިން 175 ފަހަރަށް ހަމަލަތައް ބަދަލު ނުކުރުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ޕާކިސްތާންގެ ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީން ބުނާ ގޮތުގައި ޕާކިސްތާނުން ވަނީ މިދިޔަ އަހަރު 5133 ފަހަރަށް މި އެއްބަސްވުމާ ޚިލާފްވެ ހަމަލަތައް ދީފައެވެ.

ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ދީފައިވާ ހަމަލާތަކުގައި މަދަނީންގެ އަށް މީހަކަށް ހާނީއްކަ ވެފައި ވެއެވެ. އެހެންނަމަވެސް ޕާކިސްތާންގެ ހަމަލާތަކުގައި 22 މަދަނީންނާއި ސިފައިންގެ 24 މީހުން މަރުވެފައިވާ ކަމަށް އިންޑިއާއިން ބުނެއެވެ. އަދި ޒަޚމް ވި މީހުންގެ އަދަދުވެސް 197 އަށް އަރާކަމަށް ބުނެއެވެ.

އިންޑިއާ ސިފައިންނާއި ޕާކިސްތާން ސިފައިން މިފަދަ އެއްބަސްވުމަކަށް ދިޔަނަމަވެސް ރައްޔިން ތިބީ ޝައްކެއްގެ މަތީގައެވެ. އެހެންނަމަވެސް ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި މިކަން އިތުރު މަޝްވަރާއަކަށް ފުޅާ ކުރަން ޖެހެއެވެ.

މުޙައްލިލުންވެސް މި ކަމާ މެދު ޝައްކުގެ ނަޒަރަކުން ދެކެއެވެ. މުޙައްލިލުން ދެކޭ ގޮތުގައި ސީރިއަސް މަޝްވަރާއަކަށް ދެ ފަރާތުން ހިނގައިދާނެ ކަމާމެދު ޝައްކެވެ.

މި ދެ ގައުމުގެ ތާރީޚަކީ، މިނިވަން ވުމަށްފަހު ދެ ގައުމުންވެސް ވަނީ ފުޅާ ދާއިރާއެއްގެ ބޮޑު ތިން ހަނގުރާމަ ކޮށްފައެވެ. މިއިން ދެ ހަނގުރާމައަކީ ކަޝްމީރާ ގުޅިގެން ކޮށްފައިވާ ހަނގުރާމަތަކެވެ. އަދި އެނޫނަސް އެހެން އިތުރު ކުރި ހަނގުރާމަތަކެއްވެސް ކޮށްފައި ވެއެވެ.

ދެފަރާތް ދެމެދު އިތުބާރު ގެއްލި މަޝްވަރާއަށް ދޮރުތައް ބަންދުވެގެން ދިޔައީ، ޕުލާވާމާ ހަމަލާއަށް ފަހުއެވެ. 2019 ފެބްރުއަރީގައި ދީފައިވާ މި ހަމަލާއަކީ، ސިފައިންގެ 30 މީހުންގެ ގާފިލައަކަށް ދިން ޓެރަރިސްޓް ހަމަލާއެކެވެ. އެއަށްފަހު ޕާކިސްތާންގެ ބާލާކޮޓަށް އިންޑިއާއިން ވައިގެން ހަމަލަ ދިނެވެ. އެއަށްފަހު ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާއިން ބާލާކޮތްފަދަ އެހެން ވައިގެ ހަމަލާތައް ދޭން ތައްޔާރު ވަމުންދާ ކަމުގެ ހެކި ލިބެމުންދާ ކަމަށެވެ.

ދެފަރާތުން ހަމަލަތައް ބަދަލު ނުކުރުމަށް އެއްބަސްވިކަމުގައި ވިއަސް ސިޔާސީ މަޝްވަރާތަކެއް ފެށޭނެ ކަމަކަށް ނުބެލެވެއެވެ. އިންޑިއާއިން ވަނީ ކަޝްމީރަކީ އިންޑިއާގެ ބައެއްކަމުގައި ހަމަޖައްސާފައެވެ. ޕާކިސްތާނުން ބޭނުން ވަނީ މަޝްވަރާއަކަށް ދިއުމުގެ ކުރިން މިކަން ބަދަލުކޮށް، ކުރިން އޮތް ހާލަތަށް ރުޖޫއަ ވާށެވެ. ކަޝްމީރުގައި އިންޑިއާއިން ކުރަމުންދާ އިންވެސްޓްމެންޓުން ސާފުވާން އޮތީ އިންޑިއާއިން ފަތަށް ނުޖެހޭނެ ކަމެވެ.