ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މިކަން ހާމަކޮށް މިއަދު މީޑިއާތަކަށް މެސެޖެއް ފޮނުވާފައެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހު ބުރުޒު މަގުގައި ހުންނަ ސިނަމާލެ އެކެއްގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހި ފިރިހެނުންގެ ވަނަވަރާއި ފޮޓޯވެސް މިއަދު ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި, ހާލިދު މަހްމޫދު (35އ) އަދި އދ. މާމިގިލި, ބްލޫވިންޑް، ހަސަން ނަސީމް (31އ) ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.