ބާރު ލިބުމާއެކު ރައީސް މުހައްމަދު ނަޝީދަކީ މިހާރު ޖައްލާދެއް ކަމަަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް ހުންނަވަނިކޮށް މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ ބަދަލް ހިފުމާއި ޒާތީވުމަށް ފެންބޮވައިގެންފައިވާ އެފަދަ ދެވަނައެއް ނެތްފަދަ ޚުދުމުޚުތާރު ބޭފުޅެއް ކަމަށާއި ބާރު ލިބިވަޑައިގަތުމުން މިހާރު ބަދަލުވެފައިވަނީ ޖައްލާދަކަށް ކަމަށެވެ.

"ރައީސް އިބޫގެ ފިނޑިކަމާއި ނާގާބިލްކަން ފަޅާއަރާ ނިމިއްޖެ." ޖަމީލް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދާރީވުމަށް ލިބުނު ތިން ވަނަ ފުރުސަތުގައި ވާހަކަދައްކަވަމުން މަލީހް މިއަދު ވިދާޅުވީ ނަޝީދު މަޖިލީހުގައި ކަން ކުރައްވަނީ ހުދުމުހުތާރުކޮށްކަމަށެވެ.

މަލީހާ ދެކޮޅަށް އެމްޑީޕީން ވޯޓު ނެގިއިރު އަދި މިހާތަނަށް ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް ބަހެއް ވިދާޅެއްނުވެ އެވެ.