ރާއްޖޭގެ ކުދި ހުރިހާ ރަށެއްގައި ކަރަންޓުގެ ޚިދުމަތް 50 އިންސައްތަ ސޯލާއަށް މި ފަސް އަހަރު ތެރޭގައި ބަދަލުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ އެމްއެމް ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
ފަހުމީ ދެއްވި މަޢުލޫމާތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވާލަކު 12 ގަޑިއިރު ސޯލާ އާއި ބެޓްރި މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތް ދެވޭނެ ނިޒާމު މި ދައުރު ނިމެންވާއިރަށް ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރަށް ވުރެ ޚިދުމަތް ފަސޭހަކުރުމަށް، ސްމާޓް މެންޓޯ ސިސްޓަމެއް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑީ ހާމަކުރެއްވިއެވެ.
ސްޓެލްކޯގެ އެމްޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ވ. ރަކީދޫގައި ދުވާލަކު 22 ގަޑިއިރު ހުންނަނީ އިންޖީނު ނިއްވާލައިފައެވެ. އަދި ތިނަދޫ ފިޔަވައި ވ. އަތޮޅުގެ ހުރިހާ ރަށެއް އެގޮތަށް ޑުޕްލިކޭޓްކުރުމަށް ބޭންކުތަކާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަށް ފައިސާ ހޯދާނީ ސީދާ ސްޓެލްކޯއިން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ކާބަން ނިއުޓްރަލް ކުރުމުގެ އަމާޒަށް ވާސިލުވުމެވެ.