ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ބެހޭ ގޮތުން ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް އެ އިދާރާއިން ސާފުކޮށްދީފިއެވެ. .
އެންސްޕާއިން ބުނެފައިވާ ގޮތުގައި، އެ އިދާރާ ހިންގުމަށް އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލީ ވުޒާރާއާއެކު، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ. އަދި މި މަޢުލޫމާތުތަކަކީ މާލީ ވުޒާރާގެ ރަސްމީ މަންސަތަކުން ފެންނަން ހުރި މަޢުލޫމާތުތަކެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފާފައިވަނީ ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށާއި، މުވައްޒަފުން ނަގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. ނަމަވެސް އެންސްޕާއިން ބުނެފައިވަނީ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެންސްޕާގެ ބަޔާނުގައި، ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުން، މަސައްކަތް ކުރައްވާ މުވައްޒަފުންގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުން ދިޔުން ކުށްވެރިކުރާކަމަށް ވިދާޅުވެދައިވެއެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް އެ ބަޔާނުގައި ވެެއެވެ.
މީގެ އިތުރުން، އެންސްޕާއާ ގުޅޭ ގޮތުން ދެކެވެމުންދާ ދޮގު ވާހަކަތަކާ ގުޅިގެން މިނިވަން ތަޙްޤީޤެއް ހިންގައި، އޭގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދިފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.