ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި އަދި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާ ބައްދަލުކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ބައްދަލުވުމުގައި، މަންހަޖު މުރާޖަޢާކުރުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމާ މެދު ވެސް މަޝްވަރާކުރެވުނުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމެވެ. އަދި ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ މިސް ހަނާން ސުލައިމާން ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި ޒުވާނުންނަށް ތިމާވެށީގެ މައްސަލަތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަމަށްޓަކައި މަންހަޖު މުރާޖަޢާކުރުމާއި މުދައްރިސުންނަށް ތަމްރީނު ދިނުމަކީ ޔުނިސެފުން އިސްކަންދޭ ކަންތައްތަކެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ނިމުމުގައި، ދެ ފަރާތުން އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތްތަނުގައި މި ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމަށެވެ.