ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބަރ ގްރޫޕަށް ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މެޓުން އިތުރަށް ބުނެފައިވަނީ ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އަދި ދެކުނުގެ ކަނޑުތަކުގެ ރާޅު އުސްމިން ހުންނާނީ 5 ފޫޓާއި 8 ދެމެދުގައި ކަމަށާއި. އަދި އުތުރާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.