އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާވައި ހިންގަމުންދާ ޤައުމީ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އިމާމުން ތާޒާކުރުމުގެ ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އެ ބޭފުޅުންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 68 އިމާމުން ބައިވެރިވެފައިވާކަން އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ރާއްޖޭގެ 19 އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 736 އިމާމުން ވަނީ ތަމްރީންވެފައެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.