މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކްރޫޒް ޓާމިނަލް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފިއެވެ. މިއީ އެ ކުންފުނީގެ މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން، އެމްޕީއެލްގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އަނިލް އާދަމް ވިދާޅުވީ މި މާސްޓަރ ޕްލޭންގައި ހަތަރު ކްރޫޒް ޓާމިނަލް އެޅުމަށް ހިމެނިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާއެއް މިހާރު ދަނީ ގްރީސްގެ ކޮންސަލްޓަންޓަކާ ގުޅިގެން ކުރިއަށް ގެންދަމުންނެވެ. އަނިލް އިތުރަށް ވިދާޅުވީ ކަމާގުޅޭ މާހިރުންނާ މަޝްވަރާކުރުމަށްފަހު މި މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށެވެ.

ރޭވިފައިވާ ގޮތުން، މި ޓާމިނަލްތައް އަޅާނީ ހއ. އުލިގަމާއި، ލ. ފޮނަދޫ އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މީގެ އިތުރުން، ކ. ތިލަފުށީގައި ހުރި ވިޔަފާރި ބަނދަރު އެހެން ތަނަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު ފަތުރުވެރިކަމަށް ތަރައްޤީކޮށް، އެތަނުގައިވެސް ކްރޫޒް ޓާމިނަލެއް އެޅުމަށް އެމްޕީއެލްއިން ވަނީ ރާވާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށްވެސް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ. އަދި އުލިގަމުގައި ޓާމިނަލް އެޅުމަށްޓަކައި އެ ރަށުގެ ކައުންސިލާއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.