ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޓުއަރިސްޓް ޕޮލިހުން އިސްނަގައިގެން ފަތުރުވެރިކަމާބެހޭ ވުޒާރާ އަދި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން މި ހަރަކާތުގެ ތެރެއިން ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމާއެކު އެފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައާއި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާއިރު، މި ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިމެނޭ ކަމަށެވެ.